އެފްއޭއެމް ވިމެންސް ލީގު 2025 ގައި ބިސް ބުރު ސްޕޯޓްސް ކުލަބު އަތުން ފަސޭހަކަމާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ. ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ނިއު ރޭޑިއަންޓުން ޑޮމިނޭޓުކުރިއިރު، އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އޭގެ ބަދަލުގައި ބިސް ބުރަށް މި މެޗުގައި އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
މި މެޗުގައި ނިއު ރޭޑިއަންޓުން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން 15 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާއެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މައީޝާ އަބްދުލް ހަންނާން ވަނީ ނިއު ރޭޑިއަންޓުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ނިއު ރޭޑިއަންޓުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފާތިމަތު ފައިހާ އަލީ ހަސަނެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ނިއު ރޭޑިއަންޓަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު އެ ޓީމު މައީޝާ ފޮނުވާލި ޕެނަލްޓީ، ބިސް ބުރުގެ ގޯލްކީޕަރު ހައްވާ ޝުފައިހާ ވަނީ ދިފާއުކޮށްފައެވެ. އެކަމަކު މެޗުގެ 56 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފައިހާއެވެ. އަދި އޭގެ އަށް މިނެޓު ފަހުން މައީޝާ ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ނިއު ރޭޑިއަންޓުން ކާމިޔާބުކުރި ހަވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކެޕްޓަން ފަދުވާ ޒާހިރެވެ.
މި މޮޅާއެއު ނިއު ރޭޑިއަންޓް ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބާއި، ދެވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓުގެ އިތުރުން ހަތަރުވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ފަސްވަނައިގައި އޮތް ބިސް ބުރާއި ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އެފްއޭއެމް ވިމެންސް ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ ބުދަ ދުވަހުގެ ހަވީރެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބިސް ބުރާއި އޮޑި ސްޕޯޓްސްއެވެ.