ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަވީގޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވސްވެފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި ސެލްޓަވީގޯއިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ ބްރަޔަން ޒަރަގޯޒާގެ ދިން ޕާހަކުން ވިލިއޮޓް ސްވެޑްބަރގް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އޭނާ މި މެޗުގައި ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ރެއާލް މެޑްރިޑް އަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 64 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއިއެކު ފްރޭން ގާސިއާ އަށް ރަތް ކާދު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
އަދި މެޗުގެ ނުވަދިހަ މިނިޓުގެ ކުޅުން ނިމި އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި އަލްވާރޯ ކަރެޔާސް އަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ.
މި މެޗުގައި ސެލްޓަވީގޯ އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ސްވެޑްބަރގް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ރެއާލް މެޑްރިޑް މި މެޗުން ބަލިވެފައިވާއިރު މިއީ އެ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
މި މެޗުން ސެލްޓަވީގޯ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލުގެ 10 ވަނަ މަގާމް ލިބިފަ އެވެ. ރެއާލް މެޑްރިޑަށް 16 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 40 ޕޮއިންޓެވެ.