ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމާއެކު ހުށައަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާން އެދޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުޞަތު ދުރާލާ ދިނުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން ޑިސެންބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ސާފުކުރާ ކުށާއި ދަރަނީގެ ރެކޯޑު ކޮމިޝަނުން ބަލައިގަންނާނެކަމަށް އީސީން ވިދާޅުވިއެވެ.
މީގެ ކުރިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން ކަމާ ބެހޭ އިދާރަތަކަށް ހުށައަޅަންޖެހޭ ތާރީޚު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވަނީ އިންތިޚާބުތަކަށް ކުރިމަތިލުމަށް ހުޅުވާލާ ތާރީޚުގެ ފަހުން އަންނަ ތާރީޚެކެވެ. މިގޮތަށް ހެދުމުން އެއްފަހަރާ އެތައް ބަޔަކު ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން ހުށައެޅުމުން އިދާރާތަކަށް ބާރު ބޮޑުވާ ގޮތްވެއެވެ. އެހެންކަމުން މިދިޔަ މަޖިލިސް އިންތިޚާބުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރަން ދުރާލާ ހުށައެޅުމުގެ ފުރުޞަތު ކޮމިޝަނުން އަންނަނީ ދެއްވަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުޞަތު ކުރިން ދިން ނަމަވެސް، ރިކޯޑު ފޯމުތައް ހުށައަޅަންޖެހޭނީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލުމުން ކަމަށެވެ.
• ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރެކޯޑްސް ޕޯޓަލްއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ބޭނުމަށް އުމުރަށް ނަގާފައިވާ ކުށާއި ދަރަނީގެ ރެކޯޑު
• މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން އިންތިޚާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު
• މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރެކޯޑު
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިޚާބުގައި ޖުމުލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރަން ވަނީ ހަމަޖެހިފައެވެ. ވޯޓުލާ މަރުކަޒުތަކުގައި 7,000އާ އޮފިޝަލުން މިފަހަރު ހަރަކާތްތެރިވާނެއެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ ބޮޑު ބަދަލަކާއެކީގައެވެ. އެގޮތުން ޤާނޫނުތަކަށް ގެނައި އިޞްލާޙުތަކަކާ ގުޅިގެން 2000 މީހުންނަށްވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް އިންތިޚާބުކުރާނީ 3 ކައުންސިލަރުންނެވެ. 2000 މީހުންނަށްވުރެ އާބާދީ ބޮޑު ނަމަ 5 ކައުންސިލަރުންނެވެ. އަދި މި އިންތިޚާބަށްފަހު އަތޮޅު ކައުންސިލްތައް އުވިގެންދާނެއެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެންދާނެއެވެ.
ލޯކަލް ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބަކީ ކޮންމެ ފަހަރަކުވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބެވެ.