ޚަބަރު

އެންޓި-ކޮރަޕްޝަން އެކެޑެމީގެ ކޯސްތައް އަންނަ މަހު ފަށަނީ


  • ތަޙުޤީޤީ ދާއިރާއިން ތަމްރީންވެފައިވާ މީހުން މަދުވުމަކީ ދިމާވާ ދަތިކަމެއްކަން ފާހަގަކުރެއްވި

  • އެކެޑެމީ ފެށުމަށްޓަކައި އެކަށީގެންވާ އަދަދަށް މުވައްޒަފުން ތިބިކަން ފާހަގަކުރެއްވި

އަންނަ މަހު އެންޓި-ކޮރަޕްޝަން އެކެޑެމީން ކުރިއަށްގެންދާ ކޯސްތައް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އޭސީސީގެ ރައީސް މިހެން ވިދާޅުވީ މިއަހަރުގެ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެންމެ މުހިންމު އެއް ކަމަކީ ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލޭ މުދާ ހޯދުމުގައި ހަރުދަނާ ނިޒާމެއް އޮތުން ކަމަށެވެ. އެގޮތުން ފާއިތުވި 17 އަހަރު 1.6 ބިލިޔަން ރުފިޔާގެ މުދަލާއި ފައިސާ ދައުލަތަށް ގެއްލިފައިވާކަން ކަމާބެހޭ މުއައްސަސާތަކާއި އިދާރާތަކަށް އެންގިކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އެތައް ބިލިޔަން ރުފިޔާއެއް ދައުލަތަށް ގެއްލިފައިވާއިރު، އެފަދަ މުދަލާއ ފައިސާ އަނބުރާ ހޯދޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނީ އެސެޓް ރިކަވަރީއާ ބެހޭ ޤާނޫނެއް އޮވެގެންކަމަށެވެ. އެގޮތުން މި ޤާނޫނުގެ ޑްރާފްޓް އެކުލަވާލައި އޭޖީއަށް ހުށައަޅާފައިވާއިރު، އަންނަ އަހަރުގެ ތެރޭގައި ޤާނޫނު ވުޖޫދުވެގެންއަންނާނެކަމަށް އުންމީދުކުރައްވާކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލްގެ ވާހަކަފުޅުގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ދިމާވާ ތަފާޓު ދަތިތަަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތަޙުޤީޤީ ދާއިރާއިން ތަމްރީންވެފައިވާ މީހުން މަދުވުމަކީ ދިމާވާ އެންމެ ބޮޑު އެއް ދަތިކަން ފާހަގަކުރައްވަމުން ޝާމިލް ވިދާޅުވީ މީހުން ތަމްރީންކުރަން ރާއްޖޭގައި ހަދައި ފުރަތަމަ އެންޓި-ކޮރަޕްޝަން އެކެޑެމީގެ ކިޔެވުން އަންނަ އަހަރު ފެށުމަށް މަސައްކަތްކުރެވެމުންދާކަމަށެވެ.

އަދި އެކެޑެމީ ފެށުމަށްޓަކައި އެކަށީގެންވާ އަދަދަށް މުވައްޒަފުން އެބަ ތިބި ކަމަށާއި އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން އެމްކިއުއޭ ޤަބޫލުކުރާ ފެންވަރުގެ އެންޓި ކޮރަޕްޝަންގެ އިންވެސްޓިގޭޝަން ކޯހެއް ވުޖޫދުކުރުން ކަމަށެވެ.

"އެކެޑެމީގެ ކިޔެވުންތައް މި ކުރިއަށްގެންދަނީ މެލޭޝިޔާ އަދި ހޮން ކޮންގް އެންޓި ކޮރަޕްޝަން އެކެޑެމީއާ ގުޅިގެން. ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނަކަށް މިތަން ހެދޭނެ އެންމެން ގުޅިގެން މި މަސައްކަތް ކުރެވިއްޖެނަމަ" ޝާމިލް ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހިގެންދާނެ ފަދައިން ތައުލީމާއި ތަމްރީނު ދިނުމާއި، ދިރާސާކުރުމާއި ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގާއިމްކުރި "ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކެޑެމީ" ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ 2023ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 7ވަނަ ދުވަހުއެވެ.

މިއީ ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްޒަފުންނާއި އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގުމަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި އުފައްދާފައިވާ މުއައްސަސާއެކެވެ.

އެންޓި ކޮރަޕްޝަން އެކެޑެމީގައި ފުރަތަމަ ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތައްކަމަށް އޭސީސީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މުސްތަޤުބަލުގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެންގޮސް މާސްޓަރސް ލެވެލްއާއި ހަމައަށް ކިޔަވާދެވޭނެކަމަށް ވެސް އޭސީސީން ވިދާޅުވެއެވެ.