ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސިއްޙީ ޤާބިލްކަން އިތުރު ކުރުމަށް ޖަޕާނުން ކުރިއަށް ގެންދިޔަ މަޝްރޫޢު ނިންމާލައިފިއެވެ.
މިކަމުގެ ނިމުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި މަޝްރޫޢަކީ ބޯޑަރ ކޮންޓްރޯލް ކުރުމާއި، ސެކިއުރިޓީ ވަރުގަދަކޮށް ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢު ހިންގާފައިވަނީ، ކޯވިޑް19 އާއި ގުޅިގެން މިފަދަ ބަލިތަކުން ރާއްޖޭގެ މައި ބަނދަރުތައް ރައްކާތެރިކޮށް ސަލާމަތް ކުރުމަށެވެ.
"ސްޓްރެންތެނިންގ ދި ކެޕޭސިޓީ އޮފް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އެންޑް ގަން އިންޓަނޭޝަނަލް އެއަރޕޯޓް" މަޝްރޫޢުގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް ވަނީ 2.4 މިލިޔަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި މަޝްރޫޢު މިހާރު ވަނީ ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ.
މި މަޝްރޫޢުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޤާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. އޭގެތެރޭގައި އެއަރޕޯޓުން ރާއްޖެ އެތެރެވާ މީހުންގެ ފަރާތުން ފެތުރިދާނެ ބަލިތައް ކުޑަ ކުރުމަށް ޒަމާނީ ބަޔޯމެޓްރިކް ކޮންޓްރޯލް ނިޒާމުތައް ޤާއިމު ކުރުމާއި، ފަސެންޖަރުންގެ ކަންކަން އަވަސް އަދި ރައްކާތެރިކަމާއެކު ކުރިއެރުވުމަށްޓަކައި، ދަތުރުކުރާ މީހުން ދެނެގަތުމުގެ ލިޔެކިޔުންތައް ބަލައި ޗެކް ކުރުމުގެ ނިޒާމުތައް ހަރުދަނާ ކުރުން ހިމެނެއެވެ. އަދި ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ތަމްރީންތަކާއި، ޞިއްޙީ ގޮތުން ތައްޔާރުވުމާއި، ސާފުތާހިރު ކަމާއި، ކުނި މެނޭޖްކުރުން ފަދަ ކަންކަން ހަރުދަނާ ކުރުމަށް ތަމްރީންތަކާއި، ވަސީލަތްތައް ފޯރުކޮށްދީފައިވެއެވެ.
ބައިނަލްއަޤްވާމީ ޞިއްޙީ ޤަވާޢިދުތަކާ އެއްގޮތަށް، ކުނި މެނޭޖް ކުރުމުގެ ރަނގަޅު އުޞޫލުތައް ޤާއިމުކޮށް، ތިމާވެށީގެ ރައްކާތެރިކަމުގެ މިންގަނޑުތައް މަތި ކުރުމާއި، ޞިއްޙީ އިދާރާތަކުން ކުއްލި ޙާލަތްތަކުގައި އަވަހަށް ޢަމަލު ކުރުމާއި، ހަރަކާތްތެރިވުމުގެ ޤާބިލުކަން އިތުރު ކުރުމަށްވެސް މި މަޝްރޫޢުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި މަޝްރޫޢުގެ ދަށުން ޖަޕާނު ސަރުކާރުން ވަނީ، ރާއްޖެއަށް ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އާލާތްތަކާއި މެޝިންތައް ހަދިޔާކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަނޭޝަނަލް އެއަރޕޯޓަކީ، ރާއްޖެއަށް ފަތުރުވެރިންނާއި ދަތުރުވެރިން އެތެރެވާ މައި ދޮރާއްޓެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖެއަށް އެތެރެވާ މީހުން ސްކްރީންކޮށް ބޯޑަރ ހަރުދަނާ ކުރެވިގެން ދިއުމަށް އެހީއަކަށްވާނެ ކަމަށް ޖަޕާން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.