ރާއްޖޭގެ ފުޓްބޯޅައަށް ދިމާވި އަޑިގަނޑުން އަރައިގަނެ ފުޓްބޯޅައިގެ ހާލަތު ވެންޓިލޭޓަރުން ނެގިދާނެތޯ ގިނަ ބަޔަކު ސަރުކާރާމެދު ސުވާލު އުފެއްދިކަމަށާ އެސުވާލުގެ ޖަވާބު ފާއިތުވެދިޔަ 104 ހަފްތާގެ ތެރޭގައި ލިބިގެންދިޔަކަމަށް އުންމީދުކުރައްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރު ވަޒީރު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އިޔާދަކޮށް ފުޓްބޯޅައިގެ ފޯރި އަލުން ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ވަޢުދުފުޅަކަށްވާއިރު، އެއަމާޒަށް ވާސިލްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އޭރު ރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވާ ހާލަތުން އަރައިގަނެ ފުޓްބޯޅަ އަލުން ކޮޅަށްޖެހިދާނެތޯ މިއީ ސަރުކާރަށް ވަރަށް ގިނަ ބަޔަކު ކުރިމަތިކުރުވި ސުވާލެއްކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"ވަރަށް ބުރަ މަސައްކަތެއް، ވަރަށް ގިނަ ގޮންޖެހުންތަކެއްވެސް ހުރި ކަމެއް ފުޓްބޯޅަ އޮތް ހާލަތުގެ ސަބަބުން. ވަރަށް ގިނަ ސުވާލުތަކެއްވެސް އަޅުގަނޑަށް ރައްދުވިކަމެއް. އަޅުގަނޑު މި މަޤާމާއި ހާވަލުވި އިރުގަ ބައެއް އާޓިކަލްތަކުގަވެސް ޖަހާފަހުރި ފުޓްބޯޅަ ވެންޓިލޭޓަރުގެ އޮތް އިރުގަ ވަޒީރަށް ވެންޓިލޭޓަރުން ނެގޭނީތޯ ނުވަތަ އެހެން ހިސާބަކަށް އެކަންދާނީތޯ؟" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ފުޓްބޯޅަ އޮތް ހާލަތުން އެޔަށްވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހުނު މަސައްކަތްވީ ގޮންޖެހުންތައް ގިނަ ބުރަ މަސައްކަތަކަށްކަމަށެވެ. އެހެންނަމަވެސް އުންމީދާއެކު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފުޓްބޯޅައަށް މަޑުމަޑުން ދިރުން ގެނެވިއްޖެކަމަށާއި ކުރިއަށް އޮތް ދުވަސްތަކަކީ މިކުޅިވަރަށްވެސް ފާގަތި ދުވަސްތަކަކަށްވާނެކަމަށް ގަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުޓްބޯޅަ އަލުން އިޔާދަކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ކުލަބުތަކުގެ މަޝްވަރާ އާއި ލަފާ ހޯދާ ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުނުކަމަށް ވަޒީރު ހާމަކުރައްވާފަވެއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރީ ފުޓްބޯޅަ ނަގާ ކޮޅަށް ޖެހޭނެގޮތަކީ ކޮބައިތޯ ބެލުމަށް. އޭގެ އެންމެ ރަނގަޅުގޮތަކަށް އަޅުގަނޑަށް ފެނުނީ ހަމަ ކުލަބުތަކާއި މަޝްވަރާކުރުން. އަދި މިކަން ކުރެވޭނެ ގޮތެއް ހޯދުން" ވަޒީރު ވިދާޅުވެފަވެއެވެ.
ފުޓްބޯޅައަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފީފާގެ އެހީތެރިކަމާއި ޚިޔާލާއި މަޝްވަރާ ހޯދިފަވާއިރު ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ އިހުގެ ލެޖެންޑުންގެ އެއްބާރުލުމާއި އެހީތެރިކަންވެސް މިކަމަށް ލިބުނުކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"ކޮންގޮތަކަށް މިކަން ހަދައިގެންތޯ މިކަން ކުރެވޭނީ. ފީފާއާއި ކޮން ވާހަކައެއް ދައްކައިގެންތޯ، ކޮބާތޯ އެމީހުންގެ އެކްސްޕެކްޓޭޝަންއަކީ ސަރުކާރުން ކޮންކަމެއް ކޮށްދީގެންތޯ އެމީހުން އެކަންކުރާނީ. ބައިވަރު މަޝްވަރާތަކެއް އެކި ފަރާތްތަކާ ކުރެވިގެން ދިޔަ. އަދި ފުޓްބޯޅަ ކުޅެފަ ތިބި އަޅުގަނޑުމެންގެ ލެޖެންޑުންނާއި އެކިއެކި ގޮތްގޮތަށް ޚިދުމަތްކޮށްފަ ތިބި މީހުންނާވެސް މަޝްވަރާކުރިން" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އެއް ނަމްބަރު ކުޅިވަރު އަލުން އިޔާދަކުރުންވީ ގޮންޖެހުންތައް ގިނަ މަސައްކަތަކަށް ކަމަށް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ އެގޮންޖެހުންތައް ގިރާކޮށް އެމައްސަލައަށް ހައްލު ހޯދިއްޖެކަމަށެވެ. އެންމެން ގުޅިގެން ކުރެވުނު މަސައްކަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ދެއްވި އެއްބާރުލުން ބޮޑުކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"ފުޓްބޯޅަ ކުޅެން އެންމެންވެސް ބޭނުންވި. އެކަމަކު އެކުޅެން ބޭނުންވާއިރުގަ މިކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ އެ ސޮލިއުޝަން އެ ފޯރމިއުލާ ހޯދުމަކީ ވަރަށް އުނދަގޫކަމަކަށްވެފަ އޮތީ. އެހެންނަމަވެސް ކުރެވުނު މަސައްކަތުން އިރާދަކުރެއްވިއްޔާ އެކަންކުރެވޭނެ ގޮތް އަޅުގަނޑުމެންނަށް ހޯދި ސަރުކާރުން ވަކި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެއްބާރުލުން މި ފުރުސަތުގަ އަޅުގަނޑު ފާހަގަކޮށްލަން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފުޓްބޯޅައިގެ ޙާލަތު ރަނގަޅުކުރުމަށް ފީފާގެ އެހީތެރިކަމާއެކު ނޯމަލައިޒޭޝަން ކޮމިޓީއެއް އުފައްދާ އެކޮމިޓީގެ ޚިޔާލާއެއްގޮތަށް އިޞްލާހުތަކެއް ގެނެވި އެފްއޭއެމްގެ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވިގެން ދިއުމަކީ ކުޅިވަރުގެ ދާއިރާއިން ލިބުނު ބޮޑު ކާމިޔާބީއެކެވެ.
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ އިންތިޚާބުވުމަށްފަހު މުބާރާތްތައް މާލެއާއި އަތޮޅުތެރޭގައި އަލުން ބާއްވަމުން އަންނައިރު ފުޓްބޯޅަ ކުރިއަރަމުން އަންނަކަމުގެ އުފާވެރި ކުލަތައް މިހާރުވަނީ ފެންނަންފަށާފައެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހަވަރަކަށް އަހަރަށްފަހު އަލުން އަންހެނުންގެ ލީގުވެސް މިހާރުވަނީ ފަށާފައެވެ. މިއީ މިކުޅިވަރުގައި ކަނބަލުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެފްއޭއެމްއިން ފެށި މަސައްކަތުގެ ދަށުން ކުރިއަށްދާ ލީގެކެވެ.