އަމާން އުދަރެސް ޔުނިޓުތަކުގެ ފެން ބިލުގައި މައްސަލަ ފާހަގަވާނަމަ އެމައްސަލަ ހުށަހެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން އެދިއްޖެއެވެ.
އެފްޑީސީން ވިދާޅުވީ އަމާން އުދަރެސްގެ ބައެއް ޔުނިޓުތަކުގެ ފެން ބިލްތަކާ ގުޅިގެން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމުގެ އަސްލު ދެނެގަނެ، ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މިހާރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާގޮތުގައި އަމާން އުދަރެސްގެ ބައެއް އެޕާޓްމަންޓުތަކުގެ ފެން ބިލު 7،000 ރުފިޔާއަށްވުރެ ބޮޑު ކަމަށް ދައްކައެވެ.
އެފްޑީސީން ވިދާޅުވީ ފެން ބިލުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވޭ ފަރާތްތަކުން، އެކުންފުނީގެ ޓެނަންޓް ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މައްސަލަ ހުށަހެޅޭނެ ކަމަށެވެ.
އަމާން އުދަރެސްގެ ބައެއް ޔުނިޓުތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ މަހުން ފެށިގެންނެވެ.