ޗެމްޕިއަންސް ލީގުގައި ރޭ އިންޓަރ މިލާނާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފިފ އެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ލިވަޕޫލް ދިޔައިރު އެ ޓީމުގެ ފޯވަޑް މުހައްމަދު ސަލާ ވަނީ ޓީމުން ބާކީކޮށްފަ އެވެ. ސަލާ ޓީމުން ބާކީކޮށްފައިވަނީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި އޭނާއަށް ފުރަތަމަ ޓީމުން ފުރުސަތު ދީފައިނުވާތީ ސަލާ ވަނީ އެކަމާއިމެދު ހިތްހަމަނުޖެހިގެން ވާހަކަ ދެއްކުމާއި ގުޅިގެންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ޑިފެންޑަރ އިބްރާހިމާ ކޮނާޓޭ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީން ވަނީ ގިނައިރުތަކެއްވަންދެން ވީޑިއޯ ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ފްލޯރިއަން ވާރޓްޒްގެ ޖާޒީގައި ހިފާ އަލެސަންފްރޯ ބަސްޓޯނީ ކުރި ފައުލަކާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޑޮމިނިކް ސޮބޮޒްލާއީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ލިވަޕޫލް އަށް ވަނީ މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަ މެޗުން ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ މަގާމް ލިބިފަ އެވެ. އިންޓަރ މިލާނަށްވެސް 12 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ.
ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓްގެ ޓީމުން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވުމަށްފަހު އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެފަ އެވެ.