އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅިގެން 172 ވަޒީފާއަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ކޮންމެ އާންމު އިންތިޚާބަކާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން ވަގުތީ މުވައްޒަފުން ނަގައެވެ. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އެކި ދާއިރާތަކުން ބޭނުންވާ މުވައްޒަފުން ނެގުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަގާމުތަކަށް ހޮވޭ މީހުން މަސައްކަތް ކުރާނީ ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ނިމުމާ ހަމައަށެވެ. ކޮންޓްރެކްޓް އުސޫލުން ނަގާ މި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުގެ އިތުރުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
މި މަގާމުތަކުގެ ތެރެއިން ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރުންނާއި ކޮމްޕްލެއިންޓްސް ބިއުރޯ މެނޭޖަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 15ވަނަ ދުވަހުގެ މެންދުރު 15:00ގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެހެނިހެން މަގާމުތަކަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރިލް 4ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.