މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް 'މެރިކަލްޗަރ ސްކީމް'ގެ ނަމުގައި ޚާއްޞަ ސްކީމެއް ތަޢާރަފްކޮށްފިއެވެ.
މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 13 ވަނަ ދުވަހުއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، މި ސްކީމަކީ މެރިކަލްޗަރގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ހޯދުމަށް މާލީ އެހީތެރިކަން ދިނުމުގެ މަޤްސަދުގައި ކުރިޔަށްގެންދާ ސްކީމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި، އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މީގެ އިތުރުން މެރިކަލްޗަރ ސިނާޢަތް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދީ، ލުއިފަސޭހަ މާލީ އިންތިޒާމެއްގެ ދަށުން މޫދު ކޮށިތައް ލިބޭނެ މަގު ތަނަވަސްކޮށްދީގެން، ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވުމަކީވެސް މި ލޯނު ސްކީމް ތަޢާރަފް ކުރުމުގެ ބޭނުމެއް ކަމަށްވެސް އެސްއެެމްއީ ކުންފުނިން ފާހަގަކުރެއެވެ.
މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް މެރިކަލްޗަރ ސްކީމް ތައާރަފްކޮށްފި
— SME Digital (@SMEdigital_mv) December 10, 2025
އެޕްލިކޭޝަން ހުށަހެޅުމަށް 13 ޑިސެންބަރުގައި ހުޅުވާލަނީ pic.twitter.com/7R4G90PMrB
މި ސްކީމްގެ ދަށުން، މެރިކަލްޗަރ ވިޔަފާރިތައް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް މޫދުކޮށި ދޫކުރާނީ، މަސްވެރިކަމާއި ބެހޭ ވުޒާރާއިން ކަމަށާއި، މި ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މި ސްކީމް މެދުވެރިކޮށް ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން 6 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
މި ކަމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވީދާޅުވީ، މެރިކަލްޗަރ ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން، ފަސޭހަ އަދި ލުއި ގޮތެއްގައި މޫދު ކޮށިތަކަށް މާލީ އެހީ ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭނެ ވަރަށް މުހިންމު މާލީ އެހީތެރިކަމެއް ކަމަށެވެ.
މީގެ އިތުުރުން، މި ފައިނޭންސިންގެ ބޭނުން ހިފައިގެން، މެރިކަލްޗަރގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ މިހާރު ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް، އެ މަސައްކަތްތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ބަދުރުއްދީން ފާހަގަކުރެއްވިއެވެ.
"ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީވެސް، ގިނަ ބަޔަކަށް މީގެ މަންފާ ލިބޭނެ ކަމެއް. އަޅުގަނޑުމެންގެ އެދުމަކީ، މިފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން މެރިކަލްޗަރ ސިނާޢަތް ހަރުދަނާވެ، އިތުރަށް ކުރިއަރައި ތަރައްޤީވެގެން ދިއުން." އެސްއެމްއީ ޑިޖިޓަލްގެ އެމްޑީ ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލުން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތް ޤާއިމުކޮށް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އައު އިންވެސްޓްމަންޓްތަކުގެ ދޮރުތައް ހުޅުވި އިޤްތިސާދީ ކުރިއެރުންތަކެއް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.