ރާއްޖޭގެ ޖައްވުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށަށް ހިނގައްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވައި ނުސާފުވެފައިވަނީ އިރުވައި މޫސުން ގާތްވަމުންދާއިރު، ރާއްޖެއާއި ކައިރި ސަރަޙައްދުތަކުގެ ވައިގެ ދައުރުވުމަށް އަންނަމުންދާ ބަދަލެއްގެ ސަބަބުން ކަމަށެވެ.
އެގޮތުން ވައިގެ މިސްރާބަށް އަންނަ ބަދަލުގެ ސަބަބުން އިންޑިއަން ސަބް ކޮންޓިނެންޓުގެ މަތީގައި އުފެދިފައިވާ ދުން ރާއްޖެ ސަރަޙައްދަށް ދަތުރުކުރާ ކަމަށެވެ.
ދުރު ފެންނަ މިންވަރު ނުވަތަ ވިސިބިލިޓީ މިވަގުތު ހުރީ، 7000 މީޓަރުގައެވެ. މެޓު އޮފީހުން ވިދާޅުވީ، މީގެކުރީގެ ބައެއް އަހަރުތަކުގައި 5000 މީޓަރު އަދި ބައެއް ފަހަރު 4000 މީޓަރަށްވެސް ދަށަށް ގޮސްފައި އެބަހުރި ކަމަށެވެ.
މިވަގުތު ހުޅުލެ އަދި އުތުރުން ހަނިމާދޫގެ ރެކޯޑްތަކަށް ބަލާއިރު، މި ދެ ސަރަޙައްދުގައިވެސް ދުރު ފެންނަ މިންވަރު ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް ވަރަށް ބޮޑަށް ގޯސް ނޫންކަމަށް މެޓުން މަޢުލޫމާތު ދީފައިވެއެވެ.
މިދިޔަ އަހަރުވެސް އިރުވައި މުސޫމާއި ކައިރި ދުވަސްވަރު، ރާއްޖޭގައި ދުރު ފެންނަ މިންވަރު ދަށަށް ގޮސްފައިވެއެވެ.
ރާއްޖޭގެ އާއްމު މޫސުމަށް ބަލާއިރު، މިއަދު ދެކުނު ސަރަޙައްދުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެއެވެ. މެޓް އޮފީހުން ވިދާޅުވީ، ވިއްސާރަކުރާނަމަ ދުރު ފެންނަ މިންވަރު ރަނގަޅުވާނެ ކަމަށެވެ.