ޚަބަރު

ރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު، ޢުމްރާ ކޮންފަރެންސް މައުރަޒަކާއެކު މާދަމާ ބާއްވަނީ


  • މި ކޮންފަރެންސުގައި ސަޢުދީ ޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވޭ

  • ޙައްޖާއި ޢުމްރާގެ އިދާރީ އިންތިޒާމްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ

ރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 މާދަމާ ބޭއްވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ފުރަތަމަ "ޙައްޖު އުމްރާ ކޮންފަރެންސް" ނުވަތަ މަހާސިންތާ ބާއްވާފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 31 ގައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން މާދަމާ ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ.

އެވުޒާރާއިން ވިދާޅުވީ، މި އަހަރުގެ ކޮންފަރެންސް ކުރިޔަށް ދާނީ މައުރަޒަކާވެސް އެކުގައި ކަމަށެވެ. މިގޮތުން މިކޮންފަރެންސްގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބައިވެރިވެއެވެ. އަދި އެ ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ޢާއްމުންނާއި ޙިއްސާކޮށް، އިސްތިހާރު ކުރުމަށް ސްޓޯލުތައް ބަހައްޓާފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ބޭނުމަކީ، ޙައްޖާއި ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކަކީ، ނުހަނު މާތް އަޅުކަމަކާ ގުޅުން ހުރި ޚިދުމަތްތަކެއް ދޭ ކުންފުނިތަކަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާ ސާފު މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް ދިނުމުގެ ފުރުޞަތު ހުޅުވާލުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މައުރަޒުގެ ސްޓޯލު ޙަރަކާތްތައް މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00ގެ ނިޔަލަށް އަދި ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ކޮންފަރެންސުގައި ސަޢުދި ޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. މިއީ، ސަޢުދި ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެކެވެ. ޙައްޖު ޢުމްރާ ކޮންފަރެންސްގައި އެ ބޭފުޅުންގެ ފަރާތުންވެސް ސެޝަން ނަންގަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ޙައްޖާއި ޢުމްރާގެ ޚިދުމަތާއި ގުޅުންހުރި އިދާރީ އިންތިޒާމްތައް ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތާއި، އެކަމާ ގުޅުންހުރި ދީނީ މުހިއްމު މަޢުލޫމާތުތައް ޙައްޖާއި، ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކަށް މި ކޮންފަރެންސުގެ ތެރެއިން ލިބިގެންދާނެއެވެ. މި ސެޝަންތައް ނަންގަވައިދެއްވާނީ، ފުންނާބު އުސް ޢިލްމުވެރިންނާއި، ޚިދުމަތާއި ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.