މަނާކުރިފަހުން، ރާއްޖެ އެތެރެކުރަން މަސައްކަތްކުރި އެންމެ ބޮޑު ވޭޕް ޝިޕްމަންޓް ކަސްޓްމަސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރިކަން ކަސްޓަމްސްއަށް ފާހަގަކުރެވިގެން، މިމަހުގެ 4ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގާ އެ ޝިޕްމަންޓް ބަލައިފާސްކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަން ކުރިއަށްގެންދިޔައީ މާލެ ކޮމާޝަލް ހާބަރުގައެވެ.
އަދި މިއޮޕަރޭޝަންގައި ބަލައިފާސްކުރި ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާކަމަށް ކަސްޓްމަސްއިން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން ޖުމްލަ 10800 (ދިހަހާސް އަށްސަތޭކަ) ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ މި ތަކެތީގެ މަގުމަތީ އަގު 2.7 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަސްޓަމްސް އާއި ކަމާއި ގުޅުންހުރި އިދާރާތަކުން އަންނަނީ ތަޙުޤީގުކުރަމުންނެވެ.
ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ރާއްޖޭގައި މަނާކުރިފަހުން މިހާތަނަށް ކަސްޓަމްސްއިން ވަނީ ވޭޕާއި ގުޅޭ 66،000އަށްވުރެ އާލާތް ހިފަހައްޓާފައެވެ.
މިދިޔަ ހޮނިހިރުދުވަހު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިވެސް ދެ ގެއެއް ބަލާފާސްކޮށް، ވޭޕާއި ގުޅުންހުރި 500އަށްވުރެ ގިނަ އާލާތް ހޯދާފައިވެއެވެ.