ޚަބަރު

ޖަކާޓާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި


  • މި ހާދިސާގައި 22 މީހަކު މަރުވި

އިންޑޮނޭޝިއާގެ ޖަކާޓާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑޮނޭޝިޔާގެ ރައީސަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑޮނޭޝިއާގެ ރައީސް ޕްރަބޮވޯ ސުބިއަންޓޯއަށް ފޮނުއްވެވި މެސެޖުގައި ވަނީ ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައިވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި މުޅި ޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަބަޔަކު ޒަޚަމްވެ ގިނަ ގެއްލުންތަކެއް ލިބުނު އެ ހާދިސާގެ ޚަބަރު އެއްސެވީ ފުންހިތާމައާއެކުގައި ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޖަކާޓާގައި ހުންނަ ހަތް ފަންގިފިލާގެ އޮފީސް އިމާރާތެއްގައެވެ. މި ހާދިސާގައި މިހާތަނަށް 22 މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓްކުރެއެވެ.

އިންޑޮނޭޝިއާގެ ފުލުހުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ފުރަތަމަ ފަންގިފިލާގައި ބެޓަރިއެއް ގޮވައިގެންނެވެ. އެއަށްފަހު މުޅި އިމާރާތަށް އަލިފާން ފެތުރުނު ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.