ޚަބަރު

"މިސަރުކާރުން ހުރިހާ ބާވަތެއްގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް މަޢުނަވީ ހައްލު ހޯދައިދޭނެ"


  • ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް ޖެނުއަރީގައި ފަށަން ތައްޔާރުވަނީ

ހުރިހާ ބާވަތެއްގެ މަސްވެރިންގެ ކަންބޮޑުވުންތަކަށްވެސް މިސަރުކާރުން މަޢުނަވީ ހައްލެއް ހޯދައިދެއްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ދިގުލައިގެންދާ މައްސަލައާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދައްވާ މައްސަލަކަމަށެވެ.
މިކަންކަން ޙައްލުކުރުމަށް ކަންނެލިމަހުގެ ވިޔަފާރީގައި ސަރުކާރުގެ ދަޢުރު ފުޅާކުރުމަށާއި، ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދު ވީހާވެސް އަވަހަށް ތަންފީޒުކުރެއްވުމަށް ބޮޑުކަންނެލި މަސްވެރިން ހުށައަޅާކަން މަސްވެރިކަމާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ޤާއިމުކުރާ ފެސިލިޓީގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެތެރޭގައި ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންއަންނަ ކަމަށެވެ.

ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސްގެ ޚާއްސަ އިރުޝާދާއެކު މާލެ ސަރަޙައްދުގައި ތެލަށް ހެޔޮ ބަދަލެއް ގެނެވި، މިފްކޯއިން މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭ އަގުތަކަށް މިދިޔަ އަހަރު ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމްވެސް އަންނަ އަހަރުގެ މަރޗް މަހުގެ ނިޔަލަށް ހަމަޖެހޭނެކަމުގެ އުފާވެރި ޚަބަރު މީގެކުރީގެ އެކި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޙިއްސާކުރައްވާފައެވެ.

ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރަން އަދިވެސް ހުރިކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއްކަމަށާއި މިސަރުކާރަކީ ރާއްޖޭގައި ކުރާ ހުރިހާ ބާވަތެއްގެ މަސްވެރިންގެވެސް ކަންބޮޑުވުންތަކަށް މަޢުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރަކަށްވާނެކަމުގެ ޔަގީންކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.