ޚަބަރު

އޮޑި ސްޕޯޓްސްއަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް


އެފްއޭއެމް ވިމެންސް ލީގު 2025 ގައި ފަސޭހަކަމާއެކު ބިސް ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، އޮޑި ސްޕޯޓްސް ކުލަބުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އޮޑި ސްޕޯޓްސްއިން ކާމިޔާބުކުރީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި އޮޑި ސްޕޯޓްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ރިހްލާއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ހިލޭ ޖެހުމަކުން ކެޕްޓަން ފާތިމަތު ސާލިޔާ ވަނީ އޮޑި ސްޕޯޓްސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އޮޑި ސްޕޯޓްސްއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސާލިޔާއެވެ. އަދި އޭގެ މިނެޓެއް ފަހުން އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން، ސާލިޔާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މެޗުގައި ހެދި ހެޓްރިކާއެކު ސާލިޔާ ވަނީ މިހާތަނަށް މި މުބާރާތުގައި ހަތް ލަނޑު ޖަހާފައެވެ. އެގޮތުން އެންމެ ފަހުން ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް އޮޑި ސްޕޯޓްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ފަސްވަނަ ލަނޑެއް ޖަހާފައެވެ. އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ރިހްލާއެވެ. އަދި އޭގެ ދެ މިނެޓު ފަހުން އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ފާތިމަތި އިނާޝާ އާދަމް ވަނީ އޮޑި ސްޕޯޓްސްގެ ހަވަނަ ލަނޑު ޖަހައިދީފައެވެ. އަދި މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީވެސް އިނާޝާއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮޑި ސްޕޯޓްސްއިން ތިން ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން ހަތަރުވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ދެ މެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާއި، ބިސް ބުރަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.