ޚަބަރު

ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެއް


  • މިފަދަ ކަމެއް ފާހަގަކުރެވޭނަމަ ރިޕޯޓުކުރުމަށް އެދިފައިވޭ

  • އެފަދަ ކުށްތަކަށް ޤާނޫނުގައި އަދަބު ކަނޑައަޅާފައިވޭ

ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެއްކަމަށާއި މިފަދަ ކަމެއް ފާހަގަކުރެވޭނަމަ ރިޕޯޓުކުރުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ޕެސްޓިސައިޑަށް ހުއްދަ ދެމުން ގެންދަނީ، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން ޚާއްޞަ ހުއްދައެއްގެ ދަށުން ދިފާޢީ ވުޒާރާއިންކަމަށެވެ. އަދި ހުއްދަ ދޭއިރު ދނަޑުވެރިކަމާ ބެހޭ ވުޒާރާގެ އިޢުތިރާޒެއްނެތްކަން ކަށަވަރުކުރަމުން ގެންދާނެކަމަށެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ، ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރ އެކުލަވައިލުމުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޓޮކްސިޓީ ކިލާހުގައި ހިމެނޭ Ia އަދި Ib ގެ ވިހަގަދަ އެއްވެސް ޕެސްޓިސައިޑެއް ހިމަނާފައިނުވެއެވެ. މީގެއިތުރުން، އެ ޖަމްޢިއްޔާގެ ޓޮކްސިޓީ ކިލާސް II ގައި ހިމެނޭ ގިނަ ޢަދަދެއްގެ ޕެސްޓިސައިޑުގެ އިތުރުން ރޮޓަޑާމް ކޮންވެންޝަންގެ އެނެކްސް III ގައި ހިމެނޭ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވެއެވެ. އަދި މަސްމަހާމެއްސަށާއި، ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ފަނިފަކުސަ ފިޔަވައި ވެށީގައި އުޅޭ އެހެން ދިރުންތަކަށް ވިހަގަދަ، އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވެއެވެ. މީގެބަދަލުގައި ތިމާވެއްޓާ ރަށްޓެހި ގިނަ ޢަދަދެއްގެ ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސްއާއި ހިމެނިފައިވެއެވެ.

ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން އިންސާނުންނަށާއި، ޖަނަވާރުންނަށާއި، އެއްގަމާއި ކަނޑުގެ ވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ބޭނުންވާނެ އެންމެހާ ސަލާމަތީ ފިޔަވަޅުތައް ޕެސްޓިސައިޑު ބޭނުންކުރާ އެންމެހާ ފަރާތްތަކުން އަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ނުރަނގަޅު ގޮތުގައި ޕެސްޓިސައިޑުގެ ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ހިރާސްތަކުން ރައްކާތެރިވުމަށްޓަކައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން ޕެސްޓިސައިޑު ގަނެ، އެބޭނުންކުރާ ފަރާތްތައް ހޭލުންތެރިވުމަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ގަވާއިދުގައި ޕެސްޓިސައިޑު ވިއްކާ ފަރާތްތަކަށް ލާޒިމުކޮށްފައިވާކަންވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ބަޔާނުގައިވެއެވެ. އަދި ވިއްކާ ކޮންމެ ޕެސްޓިސައިޑަކާ ބެހޭގޮތުން އެ ވުޒާރާއިން ޢާއްމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުން މަޢުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި، ޕެސްޓިސައިޑު ގަންނަ ފަރާތްތަކަށް ގަންނަ ކޮންމެ ޕެސްޓިސައިޑަކާއެކު މަޢުލޫމާތު ކަރުދާސް ފޯރުކޮށްދިނުމަށްވެސް އެގަވާއިދުގައި ލާޒިމުކޮށްފައިވެއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާއިން ހިންގާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގުރާމްތަކުގައާއި، ދަނޑުވެރިކަންކުރުމުގައި ގެންގުޅޭ ރަނގަޅު އާދަތަކަށް ދަނޑުވެރިން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގުރާމްތަކުގައިވެސް ރަނގަޅުގޮތުގައި ޕެސްޓިސައިޑު ބޭނުންކުރުމާބެހޭ މަޢުލޫމާތު ދެމުންގެންދާކަމަށެވެ. އަދި މިފަދަ ތަމްރީނު ޕްރޮގުރާމްތަކުގައި ގެއްލުންދެނިވި ފަނިފަކުސަ ކޮންޓްރޯލުކުރުމުގައި ގެންގުޅޭ އެކުވި ގޮތްތަކާއި ތިމާވެއްޓާ ރަށްޓެހި ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސްއާއި، އިންސެކްޓް ޓްރެޕް ފަދަ މިނޫންވެސް ގޮތްތަކުގެ ބޭނުންހިފުމަށް ބާރުއަޅާ އެފަދަ މަޢުލޫމާތުތައްވެސް ފޯރުކޮށްދޭކަމަށެވެ.

ޕެސްޓިސައިޑު ބަންދުކޮށްފައި ހުންނަ ކަންވާރުގައި ހަރުކޮށްފައި ހުންނަ ލޭބަލަކީ، ޤާނޫނީ ލިޔުމަކަށްވާއިރު ޕެސްޓިސައިޑާބެހޭ މުހިއްމު މަޢުލޫމާތުތައް އޭގައި ހިމަނާފައިވެއެވެ.

މީގެތެރޭގައި ޕެސްޓިސައިޑު ބޭނުންކުރާ ގޮތާއި، ޕެސްޓިސައިޑު ބޭނުންކުރާ މީހާއާއި، ވެއްޓާއި، ވެށީގައި އުޅޭ ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ސޫފާސޫފި ފިޔަވައި އެހެނިހެން ދިރުންތައް ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ޕެސްޓިސައިޑަށް ހާސާވުމުން ލިބޭ ޞިއްޙީ ގެއްލުންތަކާއި، ޕެސްޓިސައިޑު ނައްތާލާނެ ގޮތާއި، ފުރަތަމަ ޞިއްޙީ އެހީއާއި، އެތެރެހަށްޓަށް ޕެސްޓިސައިޑު އެތެރެވެއްޖެނަމަ ދޭނެ ވިހާގެ ބޭހާބެހޭ މަޢުލޫމާތުވެސް ލޭބަލުގައި ހިމެނިފައިވެއެވެ.

ޕެސްޓިސައިޑު ބޭނުންކުރާ ފަރާތްތަކުން އެތަކެތި ބޭނުންކުރުމުގައި ލޭބަލުގައާއި، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރާނަމަ ޕެސްޓިސައިޑުން ޞިއްޙަތަށް އޮތް ހިރާސް ވަރަށް ކުޑަވާނެއެވެ.

ދިވެހިރާއްޖޭގައި އުފައްދާ މޭވާއާއި ތަރުކާރީގެ އިތުރުން ބޭރުން އެތެރެކުރެވޭ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޞިއްޙަތަށް ކޮށްފާނެ ހިރާސް ދެނެގަތުމަށްޓަކައި އެތަކެތި ޓެސްޓުކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ޙައްލެވެ. މިކަމުގެ ޤާބިލުކަން ހޯދުމަށްޓަކައި ދަނޑުވެރކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި މިފަދަ އުފެއްދުންތައް ތަޙުލީލުކުރުމުގެ ވަސީލަތްތައް ޤާއިމުކުރުން ހިމެނޭކަމަށެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެއްކަމަށާއި އެފަދަ ކުށްތަކަށް ޤާނޫނުގައި އަދަބު ކަނޑައަޅާފައިވާކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މިޤާނޫނާ ޚިލާފަށް ކުރެވޭ ކަންކަން ރިޕޯޓުކުރުންވެސް މިޤާނޫނުގެ ދަށުން ލާޒިމުކުރާކަންވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.