ޓޯ ކުރާ އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދާއިރު އެ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ކަށަވަރުކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނަދުތައް ޓޯ ކުރާ އުޅަނދުތައް ދޫކުރުމުގެ މަސައްކަތް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރަމުންދާކަމަށެވެ.
އެގޮތުން އެއުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ އެންމެހައި ޓްރެފިކް ޖޫރުމަނާ ދެއްކުމަށްފަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ދިއުމުން ފުލުހުން ދޫކުރާ ސްލިޕާއެކު ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ. އަދި ޓޯ ކުރާ އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިޔުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުންކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މިގޮތަށް ގެންދާ އުޅަނދުތައް ގެންދަނީ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަށްކަން ފުލުހުން ކަށަވަރުކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި އުޅަނދުތަކާމެދު ޓޯ ކުރާ އުޅަނދުތަކާ ގުޅޭގޮތުން އަމަލުކުރަމުންދާ އުޞޫލުގެ ތެރެއިން އަމަލުކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން ޓޯ ކުރާ އުޅަނދުތައް 7 ދުވަސް ފަހުން އާންމުކޮށް އިޢުލާންކޮށް އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ހަވާލުނުވެ ހުރި އުޅަނދުތައް ޤާނޫނާއި ޤަވައިދުތަކުގައި ވާގޮތުގެމަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންގެދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައި ހުރި އުޅަނދުތަށް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. ހުޅުމާލޭގެ މަގުތަކުގައި އަދި ހުސް ބިންތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅަނދުތައް ބަހައްޓާފައި ހުންނަ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން މަގުތަށް ބޭނުން ކުރާ ފަރާތްތަކަށް ދަތިވެ ޕާކިން ޖާގަތަށް ގެއްލޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ އުޅަނދެއް ބާއުވެ ދޫކޮށްލާ ނަމަ މަގުމައްޗަށް ދޫކޮށްލުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ތެރެއިން އުޅަނދު ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.