ޚަބަރު

ޖުވާ ކުޅުން ޖިނާޢީ ކުށަކަށް، ހަތަރު އަހަރުގެ ޖަލު ހުކުމެއް


  • ޤާނޫނުލްޢުގޫބާތުގެ 616ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައި

  • ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުން ޖިނާޢީ ކުށަކަށް ވާނެ

  • ޖިނާޔަތުގެ 4ވަނަ ދަރަޖައިގެ ކުށަކަށް ހެދުމަށް ވަނީ ހުށަހަޅާފައި

ޖުވާ ކުޅުމަކީ ޒަމާނުއްސުރެ ދުނިޔޭގައި އިންސާނުން ކުރަމުން އަންނަ ކަމެކެވެ. މިއަދު ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ޖުވާ ކުޅުމުގެ ގޮތްތަކަށްވެސް ބަދަލުތައް ވަނީ އައިސްފައެވެ. ގޭގައި ތިބެގެން އަތުގައި އޮންނަ ފޯނުންވެސް ޖުވާ ކުޅެވެއެވެ. މިއީ އިސްލާމްދީނުގައި މުސްލިމުންނަށް ހަރާމް ކުރައްވާފައިވާ ކަމަކަށްވި ނަމަވެސް މިއަދު މި ސައްތައިން ސައްތަ އިސްލާމީ ޤައުމުގައިވެސް މިފަދަ އަމަލުތައް ދަނީ އިތުރުވަމުންނެވެ.

ޖުވާއަކީ ދެ މީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުތު ކުރެއެވެ. ޖުވާގެ ސަބަބުން ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުމާއި އެކަމުގައި ހިމެނޭ ފަސާދަ އިންތިހާއަށް ބޮޑެވެ. ޖުވާ ކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތަކާއި ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލުމާއި އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވުމަކީ ޖުވާ ކުޅުން ގިނަ ޤައުމުތަކުން ފެންނަ ކަމެކެވެ. އަޅުގަނޑުމެންގެ އިސްލާމް ދީނުގައި މި އަމަލު ހަރާމް ކުރައްވާފައިވަނީ ވެސް މިސަބަބުތަކާހުރެއެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޖުވާ ކުޅުމަކީ އާންމު ކަމަކަށްވަނީ ވެފައެވެ. މިކަން އިތުރަށް ފެތުރުނަނުދިނުމަށް ސަރުކާރުން ވަނީ މަސައްކަތްތައް ފައްޓަވާފައެވެ. އެގޮތުން ޖުވާ ކުޅެވޭ ގޮތަށް ހުންނަ ވެބްސައިޓުތައް ބްލޮކް ކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ފައްޓަވާފައެވެ. ނަމަވެސް ދުވަހަކަށްފަހު ދުވަހެއް ޖުވާ ކުޅޭ މޯބައިލް އެޕްލިކޭޝަންތަކާއި ވެބްސައިޓުތައް އަންނަނީ ގިނަވަމުންނެވެ. އެހެންވެ އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޖުވާ ކުޅުމަކީ ޖިނާޢީ ކުށެއްގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ މިހާރު ހުށަހަޅުއްވާފައެެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީވެސް ޖިނާޢީ ކުށަކަށްވާނެއެވެ. އެގޮތުން، ޤާނޫނުލްޢުގޫބާތުގެ 616ވަނަ މާއްދާއަށް ގެންނަ އިސްލާހުގެ ދަށުން އެ މާއްދާއަށް އިތުރު 3 އަކުރު އިތުރު ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ.

ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުގައިވާގޮތުން ޖުވާ ކުޅުންކަމުގައި ބެލެވޭނީ ވަކި މުބާރާތެއްގައި ނުވަތަ ކުޅިވަރެއްގައި ނުވަތަ ސްކީމެއްގައި އިލެކްޓްރޯނިކްކޮށް ނުވަތަ ޖުވާ ކުޅުމުގެ އާލާތެއް މެދުވެރިކޮށް ނުވަތަ ހިނގަމުންދާ ނުވަތަ ކުރިއަށް އޮތްތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް އެކަމަކުން ނުކުންނާނެ ނަތީޖާއެއް ލިބިގަތުމުގެ މުޤާބިލުގައި އަގެއް ހުރި އެއްޗެއް ދޫކޮށްލުމަށެވެ. މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމާއި އެ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ ނުވަތަ އަގެއް ހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމަކީ ޖުވާ ކުޅުން ކަމުގައި ނުބެލެވޭނެއެވެ.

މީގެ އިތުރުން އެއްވެސް އަގެއް ދިނުމަކާ ނުލައި މީހުންގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތަކަށް ފައިސާގެ ނުވަތަ އެ ނޫންވެސް އަގުހުރި އިނާމެއް ދިނުމާއި އެ ގުރުއަތުގައި ބައިވެރިވުމާއި ޖުވާ ކުޅުމުގެ އާލަތެއް ކަމުގައި ނުވާ އިލެކްޓްރޯނިކް ނުވަތަ އިލެކްޓްރޯމެކޭނިކަލް ނުވަތަ މެކޭނިކަލް ގޮތަކުން ކުޅިވަރުގެ ބޭނުމަށް ފަރުމާކޮށްފައިވާ ޑިވައިސްތަކުން ކުޅުންތެރިންނަށް ލިބޭ ވަނައާއި އިނާމާއި އެތަކެތި ރިޑީމް ކުރުމަށް ދާ އަގު ރަމްޒުކޮށްދޭ ޓޯކެން އެއް ނުވަތަ ކޮއިން ފަދަ ތަކެތި ލިބިގަތުމާއި އެފަދަ ޑިވައިސް ބޭނުން ކުރުމަކީވެސް މި ކުށުގެ ތެރޭގައި ނުހިމެނޭ ކަންކަމެވެ.

މި އިސްލާހުގައި ޖުވާ ކުޅުމުގެ އާލާތުގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ އެއްޗެއް އޮޕަރޭޓްކޮށްގެން އެއީ އެ މީހެއްގެ ނަސީބަށް ނުވަތަ ހުނަރަށް ބިނާކޮށްގެން ކަމަށްވިޔަސް އެ މީހަކަށް ފައިސާ ނުވަތަ އަގުހުރި އެއްޗެއް ލިބޭގޮތަށް ފަރުމާކޮށްފައިވާ އިލެކްޓްރޯނިކް ނުވަތަ އިލެކްޓްރޯމެކޭނިކަލް ނުވަތަ މެކޭނިކަލް މެޝިންތަކާއި ޑިވައިސްތަކެވެ.

ޖުވާ ކުޅޭ ތަންތަން ގޮތުގައި ކަނޑައަޅާފައިވަނީ ވަކި ތަނެއްގައި ޖުވާ ކުޅުމުގެ އާލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫންގޮތަކަށްވެސް ޖުވާ ކުޅުމުގެ ހަރަކާތްތައް އިންތިޒާމުކޮށްގެން ޚިދުމަތެއް، ވިޔަފާރިއެއް ނުވަތަ މުބާރާތެއް ހިންގާ ތަންތަނެވެ. މީގެ ތެރޭގައި އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރިވެސް ހިމެނޭނެއެވެ.

ސަރުކާރުން ހުށަހަޅުއްވާފައިވަނީ ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާޔަތުގެ 4ވަނަ ދަރަޖައިގެ ކުށަކަށް ހެދުމަށެވެ. ޤާނޫނުލްޢުގޫބާތުގައި މި ދަރަޖައިގެ ކުށްތަކަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަސް ދުވަހާއި 6 ދުވަހުގެ ޖަލު ބަންދުގެ މުއްދަތެކެވެ. އަދި އެންމެ ބޮޑު އަދަބަކީ 4 އަހަރު ދުވަހުގެ ޖަލު ބަންދުގެ މުއްދަތަކެވެ.

ޤާނޫނުލްޢުގޫބާތަށް ގެންނަ މި އިސްލާހުތަކާއެކު ރާއްޖޭގައި އާންމުވަމުން އަންނަ ޖުވާ ކުޅުމުގެ އަމަލުތައް ރާއްޖޭން ނައްތާލަން އެހީތެރިކަން ލިބިގެންދާނެއެވެ.

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު މަޖިލިސް މިވަގުތު އޮތީ މިއަހަރުގެ ތިން ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޗުއްޓީގައެވެ. އެހެންކަމުން މި ބިލުގެ މަސައްކަތްތައް ކުރިއަށްގެންދާނީ އަންނަ އަހަރުގެ ދައުރުތައް ފެށުމާއެކުގައިކަމަށް ލަފާ ކުރެވެއެވެ.