ޚަބަރު

ޞިއްޙީ ޚިދުމަތް ތަރައްޤީކުރަން އައިއެސްޑީބީން 400،000 ޑޮލަރު!


  • މިއީ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް ޕްރޮގްރާމުގެ ތެރެއިން ދެއްވާ ހިލޭ އެހީއެއް

  • ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމަށް ހަމަޖެހިފައިވޭ

  • ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމަށް މި އެހީ ބޭނުން ކުރާނެ

ސިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން ރާއްޖެއަށް 400،000 ޑޮލަރު ނުވަތަ 6.2 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދީފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ފޯރަމުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ހަދިޔާ ކުރެއްވި 400،000 ޑޮލަރަކީ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް ޕްރޮގްރާމުގެ ތެރެއިން ދެއްވި ހިލޭ އެހީއެކެވެ.

ސއްިޙީ ވުޒާރާއިން ވިދާޅުވީ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި ޞިއްޙީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އިންސާނީ ވަސީލަތް ބިނާކުރުމާއި ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ޞިއްޙީ ދައިރާއަށް ކުރިމަތިވާ ގޮތްޖެހުންތަކަށްވެސް މި އެހީގެ ދަށުން ހޭދަކުރުމަށް ހަމަޖެހިފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ޞިއްޙީ ދާއިރާ ތަރައްގީކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްއިން ހިލޭ އެހީ ދެއްވާފައިވާއިރު މިމަހުގެ 13 އިން 14އަށް ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް)ގައި އެކި ގައުމުތަކުން ވަނީ އެކި ގޮތްގޮތުން މި ދާއިރާ ކުރިއެރުވުމަށް އެހީތެރުވެދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މޯލްޑިވްސް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 100 އަށްވުރެ ގިނަ ބައިވެރިން އަމަލީ ގޮތުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި ޞިއްޙީ ދާއިރާއިން ތަޢުލީމާއި ތަމްރީންދީ ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަށް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި އެ ޤައުމުތަކުގެ ތަޖްރިބާ ޙިއްޞާކުރުމަށް އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނީސިއާ އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން ބައިވެރިވިއެވެ. އަދި ޑަބްލިއު އެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދި އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކުގެ އިތުރުން، ޞިއްޙީ ކަންކަން ކުރިއަރުވާ ޤައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑެވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުން މި ފޯރަމުގައި ވަނީ ބައިވެރިވެފައެވެ.

ޔުނިވަރސަލް ހެލްތު ކަވަރޭޖްއަކީ އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް، ތަފާތެއްނެތި އަދި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެމީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއި އެކު ލިބެންހުރުމެވެ. ޔޫ.އެޗް.ސީ ޙާޞިލުކުރުމަކީ 2030 ގެ ނިޔަލަށް ޙާޞިލުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސް.ޑީ.ޖީ) ގައި ކަނއަޅާފއިވާ އަދި ޤައުމެއްގެ ޞިއްޙީ ނިޒާމުގެ ފުރިހަމަކަން އަންދާޒާކޮށް މިންކުރުމަށްވެސް ބަލާ ލަނޑުދަނޑިއެކެވެ. އެސްޑީޖީއަކީ އދ.ގެ މެމްބަރު ގައުމުތަކުން 2015 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާ ފްރޭމްވޯކެކެވެ.

މޯލްޑިވްސް ޔުނިވަރސެލް ހެލްތު ފޯރަމްގައި ޤައުމުތަކުގެ ތަޖްރިބާއަށްބަލާ، އަދި ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ސަރުކާރުން ފަށާފައިވާ ޞިއްޙީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިޢާޔަތްކޮށް، ރާއްޖޭގައި ޔޫ.އެޗް.ސީ ޙާޞިލު ކުރުމަށް 2026 އިން 2030އަށް މަގު ޗާޓެއް އެކުލަވާލައި އަދި މި މަސައްކަތުގައި ބައިނަލް އަޤްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތައް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، ފަރުދީ، އާއިލީ އަދި ޖަމާޢަތުގެ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ޤާޢިމުކޮށް،ޞިއްޙަތުގެ ސިޔާސަތުތައް އެކަށައެޅުމާއި، ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.