ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބުދަ ދުވަހުގެ ރޭ، ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 17 ވާ ބުދަ ދުވަހު ރޭގަނޑު 8:30 ގައި ސޯޝަލް ސެންޓަރުގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދިވެހި ވިޔަފާރިވެރިންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.
މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ދިވެހި މަސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ބައްދަލުކުރެއްވުން އޮންނާނީ، އަންގާރަ ދުވަހުގެ ރޭ 20:30ގައި އިމާދުއްދީން ސްކޫލްގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މި ބައްދަލުވުމަށް ގަލޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ވަނީ ދަޢުވަތު އަރުވާފައެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު، މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.
މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ، ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި، މާފަންނާއި، ހެންވޭރުގެ ރައްޔިތުންނާވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ.