ޚަބަރު

އަލަވޭޒް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ


ސްޕެނިޝް ލަލީގާގައި ރޭ އަލަވޭޒް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

ރަށުން ބޭރުގައި ރެއާލެ މެޑްރިޑް ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު އެންމެ ފަހުން އެ ޓީމުން ކުޅުނު މެޗުތަކުގައި އެދެވޭ ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާތީ ކޯޗު ޝަބީ އަލޮންސޯ އަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ. ސެލްޓަވީގޯ އަތުން ލަލީގާގައި ކުޅުނު މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

މި މެޗުގައި ރެއާލް މެޑްރިޑް އިން އަލާވޭޒްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 24 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 17 ވަނަ ލަނޑެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު ރެއާލް މެޑްރިޑް އާއި އެމްބާޕޭ ގުޅުނު ފަހުން އެ ކްލަބަށް ޖަހައިދިން 70 ވަނަ ލަނޑެވެ.

އަލަވޭޒް އިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 68 ވަނަ މިނިޓުގައި އެ ޓީމުގެ ކާލޯސް ވިސެންޓޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން ރެއާލް މެޑްރިޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައިވަނީ މެޗުގެ 76 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ދިން ޕާހަކުން ރޮޑްރިގޯ ކާމިޔާބު ކުރި ލަނޑުންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް މެޑްރިޑަށް ވަނީ 17 މެޗުން ޖުމްލަ 39 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.