ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްޤީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި އެއާޕޯޓުގެ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑަށެވެ.
މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާވިޔަތް އަބްދުއްސައްތާރުއެވެ. މި ރަސްމިއްޔާތުގައި ދަރަވަންދޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، މި އެއާޕޯޓުގެ ޑިޒައިންގެ މަސައްކަތް އީޕޯޗްއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި ޑިޒައިން އެންޑް ކޮންސެޕްޓްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.
ސަލީމް ވިދާޅުވީ، އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރާނެ ކަމަށެވެ. އަދި ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަށް މަޝްރޫޢުގައި ހިމަނާފައިވާކަމަށެވެ. މީގެ އިތުރުން، މިހާރު ހުރި ޓަރމިނަލަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާއިރު ޖުމްލަ އިމާރާތް ކުރާ ޖާގައަކީ 814 އަކަމީޓަރު ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، މި އެއާޕޯޓު ތަރައްޤީވެގެންދިއުމާއެކު އެއަތޮޅުގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
"އެއްކަމަކަށް ބ. އަތޮޅުގެ އިޤްތޞާދަށް ވަރަށް ބޮޑު ފައިދާތަަކެއް ކުރާނެ. އެއީ ބައިނަލްއަޤުވާމީ އެއަރޕޮޓެއްގައި ދެވޭ ފެންވަރުގެ ޚިދުމަތް މި އެއަރޕޯޓު ތަރައްޤީވެގެންދާއިރު ޚިދުމަތް ދެވިގެންދާނީ. ވުމާއެކު، މި އަތޮޅަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް މަތީ ފެންވަރުގެ ޚިދުމަތެއް ދެވެންފެށުމާއެކު އަސލު ގިނަ ގެސްޓުން އެ ސަރަހައްދަށް ދާން ބޭނުންވާނެ. މިއާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަންވެސް ވަރަށް ބޮޑަށް ފަހި އަސަރުތަކެއް ކުރާނެ." އަލީ ސަލީމް ވިދާޅުވިއެވެ.
ބ. ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. މިމަސައްކަތް ކުރުމަށް އައިލޭންޑް އެވިއޭޝަނާއި ހަވާލުކުރަން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހު ބ. ދަރަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދަރަވަންދޫގައި އެއާޕޯޓެއް ތަރައްޤީކޮށް، ޚިދުމަތް ދޭންފެށިތާ މިހާރު ވަނީ 14 އަހަރުވެފައެވެ. ބ. އަތޮޅަކީ ރިސޯޓުތައް ގިނަ އަތޮޅަކަށްވުމުން ދަރަވަންދޫ އެއާޕޯޓަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް މުހިއްމު އެއާޕޯޓެކެވެ. އަދި ލޯކަލް ޓޫރިޒަމްވެސް އެ އަތޮޅުގައި ފުޅާވަމުންދާއިރު، އެއާޕޯޓު ބޭނުންކުރާ މީހުންގެ އަދަދުދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.