ޚަބަރު

ރޭކާގެ ހެޓްރިކާ އެކު މާޒިޔާ އެއްވަނައަށް


އެފްއޭމް ވިމެންސް ލީގް 2025 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ނޭޕާލް ގައުމީ ޓީމް ފޯވާޑް ރޭކާ ޕުޑެލް ކާމިޔާބު ކުރި ތިން ލަނޑާ އެކު މާޒިޔާ ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން މާޒިޔާ މޮޅުވީ 3-0 ލަނޑުންނެވެ.

މި ނަތީޖާ އެކު މާޒިޔާ ލީގުގެ އެއްވަނަ އަށް ކުރިއަށް ޖެހިލީ ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކުވެ. ނިއު މެޗުން ބަލިވުމާއެކު ވަނީ ލީގު ހޯދުމުގެ ފުރުސަތު ގެއްލިފައެވެ.

ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ނިއު އިން ވަނީ މާޒިޔާ ކައިރީގަ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ބޮޑުބައެއް ނިއުއިން ވަނީ މާޒިޔާގެ ހާފުގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގައި މާޒިޔާ އިން ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 07 ވަނަ މިނިޓުގައި ނިއުގެ ކުޅުންތެރިންނަށް ކްލިއަރ ނުކޮށްލެވުނުބޯޅައެއް ރޭކާ ހުސްކޮށް ހުރެ އޭރިޔާތެރެއަށް ހިފައިގެން ވަދެ ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ 11 ވަނަ މިނިޓުގައި މާޒިޔާގެ ދީޕާ ޝާހީ ނަގައިދިން ބޯޅައެއް މާޒިޔާގެ ފާތުމަތު އިނާޔާ އޭރިއާ ތެރެއިން ފޮނުވާލުމުން ގޯލަށް ވަންނަން ދަނިކޮށް ބޯޅަ ދިފާއު ކުރީ ނިއުގެ ބިދޭސީ ކީޕަރެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ނިއުގެ ފަޒްލާ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ކީޕަރު ވަނީ ދިފާއު ކޮއްފައެވެ. މާޒިޔާ އިން މެޗު ދެވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނިޓުގައި ދީޕާ އޭރިއާ ބޭރުން ނަގައިދިން ބޯޅައެއް ހުސްކޮށް ހުރެ ރޭކާ ގޯލަށް ވައްދާލައިގެންނެވެ. މެޗުގެ ފަހު ހާފުގައި ނިއުއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެވެ.

މިގޮތުން ހައްވާ ޝާއިގާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މާޒިޔާ އިން މެޗުގެ ތިން ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނެލްޓީއަކުންވެ. މި ޕެނެލްޓީ ގޯލުގެ ތެރެއަށް ވައްދާލާ ރޭކާ ހެޓްރިކް ފުރިހަމަ ކުރިއިރު މިއީ ނިއުގެ ޕެނެލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރ މައީޝާ އަބްދުލް ހަންނާން ރޭކާ އަށް ފައުލް ކުރުމުން ލިބުނު ޕެނެލްޓީއެކެވެ.