ކުޅިވަރު

ފީފާގެ މޮޅު ކޯޗުންނަކީ ވެސް އެންރީކޭ އާއި ސަރީނާ، ގޯލްކީޕަރަކީ ޑޮންނަރޫމާ


ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ދެ ކޯޗުންނަކީ ލުއިސް އެންރީކޭ އާއި ސަރީނާ ވިއެގްމަން ކަމަށް ނިންމައި އެވޯޑް ދީފި އެވެ.

އަދި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރަކީ ފްރާންސްގެ ޕީއެސްޖީ އަށް ކުޅުނު ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ އެވެ.

މި ސީޒަނުން ފެށިގެން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ކީޕަރު ވަނީ ހުސްވި ސީޒަނުގައި ފްރާންސްގެ ޕީއެސްޖީ އަށް ފްރެންޗް ކަޕާއި ފްރެންޗް ލީގާއި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ. އަދި އެ ޓީމު ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ގެންގޮސްދިނުމުގައި އިޓަލީގެ ގޯލްކީޕަރު ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ލުއިސް އެންރީކޭ އަކީ ޕީއެސްޖީގައި ޑޮންނަރޫމާ އަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ކޯޗެވެ. މިދިޔަ ސީޒަނުގައި އޭނާގެ ކޯޗުކަމުގެ ދަށުން ޕީއެސްޖީ ހޯދި ކާމިޔާބީ އަކީ މިހާތަނަށް އެ ޓީމަށް އެހެން އެއްވެސް ކޯޗަކަށް ހޯދައިދެވުނު ކާމިޔާބީ އެއް ނޫނެވެ.

ސަރީނާ ވިއެގްމަން ވަނީ ހުސްވި ސީޒަނުގައި އިނގިރޭސި ގައުމީ ޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ.
އެންމެ މޮޅު އަންހެން ގޯލްކީޕަރަކީ އިނގިރޭސިންނަށް ޔޫރޯ ކާމިޔާބުކޮށްދިން ކީޕަރު ހަނާ ހެމްޓަން އެވެ.