ކުޅިވަރު

ސެމީއަށް ސީބީއެމް، އެމްޕީއެލް، އާރްއާރްސީ އަދި އިމިގްރޭޝަން


  • އަންހެން ޑިވިޝަނުގެ ސެމީގައި ވާދަކުރާނީ އެމްޕީއެލް، ސީބީއެމް، މޯލްޑިވްސް އިމިގްރޭޝަން އަދި ރޯޑް ރެކްރިއޭޝަން ކުލަބު

  • މިމެޗުތައް ކުޅޭނީ ހުކުރުދުވަހުގެ ރޭ

  • ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އެމްޕީއެލް އަދި ކުލަބު ވެމްކޯ ބައްދަލުކުރާނީ ހޮނިހިރުދުވަހުގެ ރޭ

މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

އަންހެން ޑިވިޝަނުގެ ސެމީއިން ޖާގަ ހޯދާފައިވާ ޓީމުތަކަކީ އެމްޕީއެލް، ސީބީއެމް، މޯލްޑިވްސް އިމިގްރޭޝަން އަދި ރޯޑް ރެކްރިއޭޝަން ކުލަބެވެ. މިމެޗުތައް ހުކުރުދުވަހުގެ ރެޔަށް ތާވަލުކޮށްފަވާއިރު، ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރުމަށް އެމްޕީއެލް އަދި ކުލަބު ވެމްކޯ ނުކުންނާނީ ހޮނިހިރުދުވަހުގެ ރެޔެވެ.

އަންހެން ޑިވިޝަނުގެ ކުއާޓާ މެޗުތަކަށް ބަލާއިރު އެމްޕީއެލް އަދި ބޭންކް އޮފް މޯލްޑިވްސް ވާދަކޮށް އެމްޕީއެލްއިން މެޗު ނަގާފަވަނީ 40-29 ގެ ތަފާތަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ޖީއޭ އާއިޝަތު ސަލީމާއެވެ.

ދެވަނަ ކުއާޓާގައި މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލް ވާދަކޮށް އިމިގްރޭޝަނުން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު 51-15 ގެ ބޮޑު ފަރަގަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޖީއޭ ނަޝްފާ އާމިރާއެވެ.

އަންގާރަ ދުވަހުގެ ތިންވަނަ މެޗުގައި ފިރިހެން ޑިވިޝަނުން އެމްއޭސީއެލް އަދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ވާދަކުރި މެޗު ފާހަގަކުރެވުނީ އުނދަގޫ މެޗެއްގެ ގޮތުގައެވެ، ދެ ޓީމުންވެސް ގާތްގާތުގައި ސްކޯ އެއްވަރުކުރަމުން ދިޔަ މިމެޗު އެމްއޭސީއެލްއިން ކާމިޔާބުކުރީ އެންމެ 2 ޕޮއިންޓުގެ ތަފާތަކުން 20-18 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީއެލްގެ އަހުމަދު ޒައީމްއެވެ.

ކުއާޓާގެ ހަތަރުވަނަ މެޗުތައް ބުދަ ދުވަހު ކުޅެފަވާއިރު، އަންހެން ޑިވިޝަނުން ސީބީއެމް އަދި އެސްޓީއޯއާރްސީ ބައްދަލުކުރި މެޗު ސީބީއެމް އިން ކާމިޔާބުކޮށްފަވަނީ 25-15 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް އެޓީމުގެ ސެންޓަރ ހަމްނާ ޢަބްދުއްރަޙުމާންއެވެ.

ދެވަނަ މެޗުގައި އާރްއާރްސް އާއި ތައުލީމީ ގުޅުން ވާދަކުރިއިރު، އާރްއާރްސީއިން ސެމީގެ ޖާގަ ކަށަވަރުކުރީ އެންމެ ތިން ޕޮއިންޓުގެ ފަރަގަކުން 24-21 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ޖުނައިނާ އަހުމަދު އިސްހާޤުއެވެ.

އެއަށްފަހު ފިރިހެން ޑިވިޝަނުގެ ސެމީގައި ކުލަބު ވެމްކޯ އަދި އެމްޕީއެލް ބައްދަކުކުރިއިރު، 30-25 އިން އެމްޕީއެލްއިންވަނީ މިމެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ސެންޓަރ މުހަންމަދު ފިރުނާސް ޢަބްދުﷲއެވެ.

އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރީ އެންމެ ހަތަރު ޓީމެވެ. އެހެންކަމުން މި ޑިވިޝަން ކުރިއަށް ދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލުގައި ވާދަކުރާގޮތަށެވެ.

މި ޑިވިޝަނުގެ އެއްވަނަ އެމްޕީއެލްއިން ހޯދާފަވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ދެވަނައިގަ ކުލަބު ވެމްކޯ އޮތީ 6 ޕޮއިންޓާއެކުއެވެ. އެޓީމުވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައެވެ. އަދި އެމްއޭސީއެލްއަށް ތިން މެޗުގެ ތެރެއިން އެންމެ މެޗެއް ލިބިފަވުމާއިއެކު ތާވަލުގެ ތިންވަނަ ލިބެނީ 3 ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގަ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު އޮތީ މެޗެއް ކާމިޔާބު ނުކުރެވި ޕޮއިންޓެއް ނުލިބިއެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލު މެޗުތައް ކުޅޭނީ ހުކުރުދުވަހުގެ ރެޔެވެ. އަދި ޖެހިގެން އަންނަ ހޮނިހިރު ދުވަހަށް ފިރިހެން ޑިވިޝަނުގެ ފައިނަލު މެޗުވަނީ ތާވަލުކޮށްފައެވެ.

އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގައި 21 އަންހެންޓީމާއި 4 ފިރިހެން ޓީމު ވާދަކުރިއިރު، މިމުބާރާތުގެ ކުޅުން ކުރިއަށްދަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން އައުޓްޑޯ ނެޓްބޯޅަ ކޯޓުގައެވެ.