ދުނިޔެ

މުއަދަމިޔާ އަވަށުން 300 ޢާއްމުން ރައްކާތެރި ސަރަޙައްދުތަކަށް


ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ މުއަދަމިޔާ އަވަށުގައި ދިރިއުޅޭ ޢާއްމުންގެ ތެރެއިން ތިންސަތޭކައަށްހާ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފިއެވެ.

ސޫރިޔާގެ މުއަދަމިޔާއަކީ ސޫރިޔާ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ އަވަށެކެވެ. ސޫރިޔާ ސަރުކާރުން ބުނީ މުއަދަމިޔާގައި ތިބި ޢާންމުންނަށް ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް ސޫރިޔާ ސަރުކާރުން މަގުފަހިކޮށްދީފައިވަނީ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަޙައްދުތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުންކަމަށެވެ.

މުއަދަމިޔާ ދޫކޮށް ދިއުމަށް ޢާންމުންނަށް ފުރުޞަތު ދީފައި މިވަނީ ދިމިޝްޤުގެ އަވަށެއްކަމަށްވާ ދަރާޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްފަހުންނެވެ.

ދަރާޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ ކުރިން އެއަވަށް ދޫކޮށް ދިއުމުގެ ފުރުޞަތު ޢާންމުންނަށާއި ހަނގުރާމަވެރިނަން ސޫރިޔާ ސަރުކާރުންވަނީ ދީފައެވެ. ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަޙައްދުތަކުން ޢާންމުންނާއި ހަނގުރާމަވެރިން ބާލަމުންދަނީ ސޫރިޔާގެ ސަރުކާރާއި ހަނގުރާމަވެރިންނާއި ދެމެދު މިދިޔަ މަހު ފަހުކޮޅު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ސޫރިޔާ ސަރުކާރުން މިކަން ކުރަމުންދާ ގޮތާމެދު އ.ދއާއި އިންސާނީއެހީ ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވަމުންދާ ޖަމާޢަތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އ.ދއިން ބުނީ ސޫރިޔާ ސަރުކާރުން ޢާންމުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރަމުންދަނީ މަޖުބޫރުކޮށްގެން ކަމަށާއި، މިއީ ޤަބޫކުރެވޭނެކަމެއް ނޫންކަމަށެވެ.

ސޫރިޔާ ސަރުކާރުން ބުނާގޮތުގައިމުއަދަމިޔާއިން ފޭބި ތިންސަތޭކައަށް އަށް ވުރެ ގިނަ ޢާންމުންވަނީ ދިމިޝްގްގެ ކައިރީގައި އޮންނަ ހަރްޖެލެހްގައިވާ ވަގުތީ ހިޔާތަކަށް ގެންގޮސްފައެވެ. މީގެ ތެރޭގައި 79 އަންހެނުންނާއި،  162 ކުޑަކުދިން އަދި 62 ހަނގުރާމަވެރިން ހިމެނެއެވެ.

މުއަދަމިޔާގައި މިހާރު ތިބި ޢާންމުން ވެސްކުރިޔަށް އޮތް 10 ދުވަހުގެތެރޭގައި ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ސޫރިޔާ ސަރުކާރުން ބުނެއެވެ.