ކުޅިވަރު

ޔުނައިޓެޑް ތަށި ހޯދަން އިތުރު 10 އަހަރު ނަގާނެ: ފާގަސަން


މެންޗެސްޓާ ޔުނައިޓެޑުން ތައްޓެއް ހޯދަން އަދި އިތުރު 10 އަހަރު ނަގާނެ ކަމަށް އެ ކުލަބުގެ ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

2013 ވަނަ އަހަރު ފާގަސަން ޔުނައިޓެޑާ ވަކިވީ އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ކުލަބަށް އެ ޓީމު ހަދައިދީފަ އެވެ. ނަމަވެސް އޭނާ އަށް ފަހު އައި ކޯޗުންގެ ތެރެއިން ހޯސޭ މޮރީނިއޯ ފިޔަވައި އެހެން ކޯޗަކަށް ޔުނައިޓެޑަށް އެކަށީގެންވާ ކާމިޔާބެއް ހޯދައިނުދެވުނެވެ. މިކަމާ ވާހަކަ ދައްކަމުން ފާގަސަން ބުނީ ޔުނައިޓެޑް މިވަގުތު އޮތީ އަޑިގަނޑެއްގައި ކަމަށެވެ.

"އަހަރެންނަށް ފެންނަނީ އަހަރެން ޔުނައިޓެޑަށް ކޯޗުކޮށްދިން އިރު ލިވަޕޫލް އޮތް ފަދަ ގޮތަކަށް ޔުނައިޓެޑް މިހާރު. އެ މީހުން ވެސް ޕްރެމިއާ ލީގު ހޯދީ 30 އަހަރު ފަހުން. އަހަރެން ބުނާނީ ޔުނައިޓެޑް ތަށި ހޯދަން އަދިވެސް 10 ނޫނީ 11 އަހަރު ވާނެއޭ،" ފާގަސަން ބުންޏެވެ.

ޔުނައިޓެޑް އެންމެ ފަހުން ޕްރެމިއާ ލީގު ކާމިޔާބު ކުރީ ވެސް ފާގަސަންގެ ފަހު އަހަރު އެވެ. ނަމަވެސް އޭނާގެ ވާހަކަތަކާ މިހާރުގެ ކޯޗު ރުބެން އަމޮރިމް މުޅިން އެއްބަހެއްނޫނެވެ.

"އަހަރެންނަށްވުރެ ބޮޑަށް އޭނާ އަށް ފުޓްބޯޅަ އެނގޭނެ. އެކަމަކު އަހަރެން ބުނާނީ އަހަރުމެން ކައިރި މުސްތަގްބަލެއްގައި ތައްޓަށް ވާދަކުރާނެ ކަމަށް. އެހާ ދިގު މުއްދަތެއް ނަގާނެ ކަމަށް އަހަރެންނަށް ހިޔެއް ނުވޭ،" ކޯޗު ބުންޏެވެ.

ޔުނައިޓެޑް މި ވަގުތު އޮތީ އިނގިރޭސި ލީގުގެ ހަ ވަނާގަ އެވެ. ކުރީ ސީޒަނަށްވުރެ މި ސީޒަނުގެ ނަތިޖާތައް ވަރަށް ބޮޑަށް ރަނގަޅުވެފައިވީ ނަމަވެސް ޔުނައިޓެޑަށް އެއް ފެންވަރެއްގައި ނަތީޖާތައް ނުނެރެވޭ މައްސަލަ ބޮޑެވެ.