ކުޑަކުދިން ޝައުޤުވެރިވާނެ ގިނަ ހަރަކާތްތަކާއެކު "އަވަށްޓެރި ބީޗް ފެސްޓް"ގެ ނަމުގައި ޚާއްސަ ފެސްޓެއް ފަށައިފިއެވެ.
މި ފެސްޓަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ، ވިލިމާލޭ ފުލުހުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
އަވައްޓެރި ބީޗް ފެސްޓަކީ، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހިތްފަސޭހަ މާޙައުލެއްގައި ތަފާތު، މަޖާ ކުޅިވަރުތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން، ދިވެހިފުލުހުންގެ ޚިދުމަތުގެ ތިލަމާލެ ޕޮލިސްގެ ހެޑް، ރަޖުނީ ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރާ މަސައްކަތްތަކުގެ އިތުރުން އަމިއްލައަށް ކުރެވިދާނެ ކަންތައްތަކާގުޅޭގޮތުންވެސް މި ފެސްޓްގެ ތެރެއިން މަޢުލޫމާތުދެވޭނެކަމަށެވެ.
"ކުޑަކުދިންނަށް އިންޓަރނެޓް އަދި ކޮމޕިއުޓަރ ކަހަލަ ވަސީލްތައް ދިނުމުގައި އެކުދިން ސަމާލުވާންވީ ކަންތައްތަކާއި، ބެލެނިވެރިން ސަމާލުވާންވީ ކަންތައްތަކާއި، މިކަންކަމާ ގުޅޭ މެސެޖުތައްވެސް އަޅުގަނޑުމެން އެބަދެން. އަދި ވައްކަމާއި، ގޭތެރޭގަ ހިނގާ ކުށްތަކާއި، މި ހުރިހާ ކަންކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ވަރަށްގިނަ މަޢުލޫމާތުއެބަދެން. " ރަޖުނީ ވިދާޅުވިއެވެ.
މީގެއިތުރުން ރަޖުނީ ވަނީ، މި ފެސްޓުގެ ތެރެއިން ކުރިއަށްގެންދިޔަ ބައެއް ހަރަކާތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
"މި އިވެންޓުގެ ތެރެއިން އަޅުގަނޑުމެން ވާނެ ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދަން. އެގޮތުން ބީޗް ފުޓްބޯޅައާއި، ވޯޓަރޕާކްގެ ހަރަކާތްތަކުގެ އިތުރުން ފިޝްޕޮންޑް އަދި ޓްރީހައުސް އަދި މީގެއިތުރުން، ކުރެހުމުގެ ހަރަކާތްތަކާއި އަދި މިނޫންވެސް ތަފާތު ގިނަ ހަރަކާތްތަކެއް، ކުޑަކުދިންނަށް އުފާވެރި މާހައުލެއްގަ ގާއިމްކޮށްދިނުމަށް ކުރިއަށްގެންގޮސްފައިވޭ." ރަޖުނީ ވިދާޅުވިއެވެ.
ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ކުރިއަށްއޮތްތަނުގައި މި ހަރަކާތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައްޔާއި، ޚާއްސަކޮށް ވިލިމާލެއާއި ހުޅުމާލޭގައި މިހަރަކާތް ކުރިއަށްގެންދިއުމަކީ އަމާޒެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.