ޚަބަރު

ދެމަސްތެރޭ ޖަލުތަކަށް 140 ޖާގަ އިތުރު ކުރެވޭނެ: ޒަރީރު


  • މިހާތަނަށް ޖަލުތަކަށް 124 ޖާގަ އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި

  • ހުޅުމާލެ އަދި ހިންމަފުށީ ޖަލަށް 70 ޖާގަ އިތުރުކުރާނެ

ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ ޖާގަ 140 އަށްވުރެ އިތުރުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު ވިދާޅުވީ، ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުގައިވާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ޖަލުތަކަށް 124 ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.

"މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިވަނީ ޖަލުތަކަށް 124 ޖާގަ އިތުރުކުރެވިފައި. އަދި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހުޅުމާލެ ޖަލަށް 70 ޖާގަ އަދި މާލެ އަތޮޅު ހިންމަފުށީގައި މި ހުންނަ ޖަލަށް 70 ޖާގަ އިތުރު ކުރުމަށް އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަމުންދަނީ." ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ހުޅުމާލޭގެ ޖަލަށް ޖާގަ އިތުރު ކުރަނީ ކުރީގެ ކޮވިޑު ފެސިލިޓީ ބޭނުން ކޮށްގެން ކަމަށާއި، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކޯޓުތަކަށް ގެންނަންޖެހޭ ޤައިދީން ގެނެސް، ޝަރީޢަތްތައް އަވަސް ކުރުމަށް މަގުފަހިކުރުން ކަމަށެވެ.

ޖަލުތަކުގެ ޖާގަ ބޮޑުވުމާއެކު ދުވާލަކު 50 މީހުން ޙާޒިރު ކޮށްގެން ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި މިހާރު ދުވާލަކު 50 އާއި 70 އާ ދެމެދުގެ އަދަދަކަށް އޮންލައިންކޮށް ޝަރީޢަތްތައް ބާއްވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކަރެކްޝަނަަލް ސަރވިސްގެ މައި ދެ ޖަލު ރަށްރަށުގައި ހުރުމުގެ ސަބަބުން ޤައިދީން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދަތިތަކެއް ދިމާވާކަން ފާހަގަކުރައްވާ، ޒަރީރު ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން ކަރެކްޝަންސްގެ އުމްރާނީ ވަސީލަތްތައް ވަރުގަދަ ކުރުމަށް މަސައްކަތްކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން މިފަދަ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޖަލުތަކުގެ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޤައިދު ކުރުމަކީ، މީހުންގެ ޙައްޤުތައް ނިގުޅައިގަންނަންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ، ޖަލުތަކާއި ޤައިދީންގެ ޙާލަތު ރަނގަޅު ކުރުމަށް ކަރެކްޝަންސްއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވިއެވެ.