ރެއާލް މެޑްރިޑްގެ ފޯވަޑް ކީލިއަމް އެމްބާޕޭ ގޮސް އެ ކުލަބުގެ ކުރީގެ ފޯވަޑް މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑާ އަރައި ހަމަކޮށްފި އެވެ.
ރޮނާލްޑޯ ވަނީ މީގެ ކުރިން ރެއާލް މެޑްރިޑުގައި އަހަރެއްގެ ތެރޭގައި 509 ގޯލު ޖަހައިފަ އެވެ. ނަމަވެސް މި އަދަދަށް އެމްބާޕޭ ގޯލު ޖެހީ އޭނާގެ 27 ވަނަ އުފަން ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ސެވިއްޔާ ކޮޅަށް ޖެހި ގޯލާއެކުގަ އެވެ. މިއާއެކު އޭނާ ވެސް 2025 ވަނަ އަހަރު ޖެހި ގޯލުގެ އަދަދު މި ވަނީ 59 އަށް އަރައިފަ އެވެ.
ރެއާލް މެޑްރިޑްގެ ނަތިޖާތައް މި ސީޒަނުގައި އެންމެ ރަނގަޅު ނޫނަސް އެމްބާޕޭ ދަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ގޮތުން މި ސީޒަނުގައި ވެސް އޭނާ ވަނީ މިހާތަނަށް 18 ލަނޑު ޖަހައިފަ އެވެ.
ހުސްވި ސީޒަނުގައި ސްޕެނިޝް ލީގާއި ޔޫރަޕުގެ ރަންބޫޓު ހޯދި ފްރާންސްގެ ކެޕްޓަންގެ އެންމެ ބޮޑު އައިޑަލް އަކީ ވެސް ރޮނާލްޑޯ އެވެ. އޭނާ ކުޑައިރު ރޮނާލްޑޯގެ ފޮޓޯތައް ކޮޓަރީގަ އާއި ފޮތްތަކުގައި ތަތްކޮށްފައި ހުއްޓެވެ. އަދި ރެއާލް މެޑްރިޑަށް ކުޅެން އެމްބާޕޭ ބޭނުންވި އެންމެ މުހިންމު އެއް ސަބަބަކީ ވެސް ރޮނާލްޑޯ އެވެ.
އުމުރުން މިހާރު 40 އަހަރުގެ ރޮނާލްޑޯ އަކީ އަދިވެސް ޕޯޗުގަލްގެ ކެޕްޓަނެވެ. ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އަކީ ރެއާލް މެޑްރިޑްގެ ތާރީހުގައި ވެސް އެ ކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދޯފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 438 މެޗުން 450 ގޯލު ޖަހައިދީފަ އެވެ. އެމްބާޕޭ މިހާތަނަށް ދޮޅު ސީޒަން ރެއާލް މެޑްރިޑުގައި ހޭދަކޮށްފައިވާއިރު ވަނީ 83 މެޗުން 73 ގޯލު ޖަހައިދީފަ އެވެ.