ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ބެހެއްޓެވުމަށް ހަމަޖެއްސެވި 50 ޓަނުގެ އާރުއޯ ޕްލާންޓް ބެހެއްޓެވުމުގެ މަސައްކަތް، އެމް.ޑަބްލިޔު.އެސް.ސީއާ ޙަވާލުކުރައްވައިފިއެވެ. ނޭޝަނަލް ޑްރަގް އެޖެންސީން އެމް.ޑަބްލިޔޫ.އެސް.ސީއާ ޙަވާލުކުރެއްވުމުގެ އެއްވަސްވުމުގައި ސޮއިކުރެއްވީ މިއަދުއެވެ.
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ބެހެއްޓެވުމަށް ހަމަޖެއްސެވި 50 ޓަނުގެ އާރުއޯ ޕްލާންޓް ބެހެއްޓެވުމުގެ މަސައްކަތް 5 މަސް ދުވަހުގެ ތެރޭގައި ނިންމެވުމަށް ވަނީ ކަނޑައެޅިފައެވެ. މި މަޝްރޫޢަށް 1.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މި މަޝްރޫޢަކީ މިއަހަރުގެ ކުރީކޮޅު ތަޢާރަފްކުރި ޔުޓިލިޓީ ސޮލިއުޝަންގެ ދަށުން ހިންގާ ޕްރޮޖެކްޓެއްކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު މަޝްރޫޢުތައް ކުރިއަށްދާއިރު، އެމް.ޑަބްލިޔޫ.އެސް.ސީން ތަޢާރަފްކޮށްފައިވާ، ޔުޓިލިޓީ ސޮލިއުޝަން ޕްރޮޖެކްޓްސްތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ފަޒުލް ފާހަގަކުރެއްވިއެވެ. ފަޒުލް ވިދާޅުވީ، ހިންމަފުށީގެ ރިހެބިލިޓޭޝަން ސެންޓަރުގައި ޤާއިމްކުރާ އާރުއޯ ޕްލާންޓްގެ ހުރިހާ މަސައްކަތްތަކެއް ކުރާނީ އެމް.ޑަބްލިއު.އެސް.ސީންނެވެ.
"މި މަސައްކަތުގެ ދަށުން ޕްރޮވައިޑް ކޮށްދެވެނީ ނޭޝަނަލް ޑްރަގް އެޖެންސީއަށް އާރުއޯ ޕްލާންޓެއް. އެމް.ޑަބްލިއު.އެސް.ސީގެ މުވައްޒަފުންގެ މަސައްކަތުން ހުރިހާ މަސައްކަތެއް. އިކުއިޕްމެންޓްބޭރުން.. ޔޫޓިލިޓީ ސޮލިއުޝަނަށް ހޫނު ތަރުހީބެއް ލިބެމުންދަނީ.. އުންމީދަކީ މަސައްކަތްތައް އިތުރަށް ފުޅާވެ ތަރައްޤީވުން." ފަޒުލް ވިދާޅުވިއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެ އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޙަސަން ޝަހީލް ވިދާޅުވީ، މި އާރުއޯ ޕްލާންޓް ޤާއިމްކުރެވުމުން ރިހެބިލިޓޭޝަން ސެންޓަރަށް ފެން ގެންދިއުމަށް ކޮންމެ މަހަކު ކުރަމުންގެންދާ ޚަރަދު ކުޑަވެގެންދާނެކަމަށެވެ.
"ކޮންމެ މަހަކު ފެން މާލެއިން ގެންދިޔުމަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެކަމަށް. އަދި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިމޭނެކަމަށް އުންމީދުކުރަނީ." ޙަސަން ޝަހީލް ވިދާޅުވިއެވެ.