ކުޅިވަރު

ސަގާފީ މިއުޒިކާއެކު ފެށި އެފްރިކާކަޕްގެ ފުރަތަމަ މެޗު މޮރޮކޯ އަށް


ދުނިޔެގެ މަޝްހޫރު ތިން މިއުޒިކް ފަންނާނުންގެ ހުށަހެޅުންތަކާއި ގަދަ އައްޔާއެކު ފެށި އެފްރިކާ ކަޕް ފުޓްބޯޅަ މުބާރތުގެ ފުރަތަމަ ކޮމޯރޯސްއާ ބައްދަލުކޮށް، މޮރޮކޯ 2-0 އިން ކާމިޔާބުކޮށްފި އެވެ.

ލިބުނު ޕެނަލްޓީ އެއް މޮރޮކޯން ނަގާލި ނަމަވެސް އެ ޓީމުން ވަނީ ބްރަހިމް ޑިއާޒް އާއި އަޔޫބް އަލް ކާބީ ޖެހި ގޯލުންތަކުން ފުރަތަމަ ތިން ޕޮއިންޓް ހޯދައިފަ އެވެ.

ފީފާގެ ރައީސް އާއި އެފްރިކާގެ ގައުމުތަކުގެ ލީޑަރުންގެ ކުރިފުޅުމަތީގައި ކުލަދަގަދަކޮށް ބޭއްވި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ލަވަކިޔާފައިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ތިން ފަންނާނުންނެވެ. މީގެ ތެރޭގައި މޮރޮކޯ އަށް އުފަން އެމެރިކާގެ ފްރެންޗް މޮންޓާނާ ވެސް ހިމެނެ އެވެ.

މި މެޗުގައި އެންމެ ދެރަކަމަކަށް ދިމާވީ މޮރޮކޯގެ ކެޕްޓަން ރޮމައިން ސައިސް އަށް އަނިޔާވެ 19 ވަނަ މިނިޓްގައި ބަދަލު ކުރަން ޖެހުމެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނީ މި މެޗަށް ތައްޔާރުވާތާ ދޮޅުއަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި ދެ ލަނޑުގެ މޮޅަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަރުމެން މެޗު ފެށީ އަމިއްލަ ނަފްސަށް ވަރަށް ބޮޑު ޕްރެޝަރެއް ދީގެން. އަހަރުމެންގެ ފެށުން ގޯސްވީ ވެސް މިހެންވެ. ޕެނަލްޓީ މިސްވެ، ކެޕްޓަނަށް އަނިޔާވުމުން އަހަރުމެން ހާފް ޓައިމަށް ދާން ޖެހުނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގައި. އަހަރެން ހުރީ އެހާ ހިތްހަމަޖެހިފައެއްނޫން ޓީމާ މެދު. ކުޅުމާމެދު. އެކަމަކު ގެނައި ބަދަލުތަކާއެކު ކުޅުންތެރިން ވަރަށް އަވަހަށް ކަންކަން ބަދަލުކޮށްލި،" ކޯޗު ބުންޏެވެ.

ކޮމޯރޯސްގެ ކޯޗު ސްޓެފާނޯ ކުސިން ބުނީ ޑިފެންސިވްކޮށް އޭނާގެ ޓީމު ކުޅުން ގޯސް ނޫން ކަމަށެވެ.

"އެކަމަކު މި ކަހަލަ ވާދަވެރި މެޗެއްގައި ލިބޭ ފުރުސަތު ޖެހޭނެ ނިންމަން. އެހަރުމެންނަށް އެކަން ނުކުރެވުނީ. އޭގެ ނަތީޖާ އަކީ ބަލިވުން. އަހަރުމެން ކޮޅަށް ވަނީ އެންމެ ދެ ގޯލު. އަހަރުމެންނަށް ނުބުނެވޭނެ އަހަރުމެން ކުޅުނީ މާގޯސްކޮށޭ. އަހަރުމެންނަށް ލިބުނު ފުރުސަތުގެ ބޭނުން ރަފީގީ އަށް ހިފުނުނަމަ މެޗު 1-1އިން ބަދަލުވީސް. އޭރުން އަދި ނަތިޖާ ތަފާތުވީސް. މޮރޮކޯ ހޯދި މޮޅަށް މަރުހަބާ ކިޔަން. އެފަދަ ޓީމެއްގެ އަތުން އަހަރުމެން ވި ބަލި ގަބޫލުކުރަން،" ކުސިން ބުންޏެވެ.