ޚަބަރު

ބިދޭސީންނަށް ކުއްޔަށް ދީފައިވާ ހުޅުމާލޭގެ ފްލެޓްތަކުގެ އެއްބަސްވުން އުވާލަނީ


  • ކުއްޔަށް ދީފައިވާ ތަންތަނުގެ އެއްބަސްވުން 3 ޖަނަވަރީގެ ފަހުން އުވާލާނެ

ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތައް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ވިދާޅުވީ، ހުޅުމާލޭގައި ތަރައްޤީކޮށް ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތައް ބައެއް ފަރާތްތަކުން ގަވައިދާ ހިލާފަށް ބިދޭސީންނަށް ދެމުންދާކަން ފާހަގަކުރެވޭކަމަށެވެ.

މިފަދައިން ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ޔުނިޓެއް އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ 3 ޖަނަވަރީ 2026 ގެ ކުރިން އެތަންތަން ހުސްކުރުމަށް އެ ފަރާތްތަކަށް އެންގުމަށް އެޗްޑީސީން ވަނީ އެދިފައެވެ. އަދި ފްލެޓް ލިބިފައިވާ ފަރާތްތަކުން އެޗްޑީސީއާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތައް އަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

3 ޖަނަވަރީގެ ފަހުން ހުޅުމާލެއިން ދުކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެ ކޯޕަރޭޝަންއާއިއެކު ވެފައިވާ ފްލެޓް އެއްބަސްވުން އުވާލެވޭނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ފަރާތްތަކުން އެ ކޯޕަރޭޝަންއަށް ދެމުންދާ އެއްބާރުލުން ފާހަގަކުރާކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.