ޚަބަރު

ބ.ތުޅާދޫއާއި ރ.މީދޫ ރައްޔިތުންގެ ޒަމާންވީ ބަދަހި ގުޅުން އަދުގެ ޖީލަށް


  • އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ތުޅާދޫގައި

  • ބ.ތުޅާދޫއާއި ރ.މީދޫ ރައްޔިތުންގެ ޒަމާންވީ ގުޅުމަށް 400 އަހަރު

މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ރ. މީދޫއިން ބ. ތުޅާދޫއަށް ޒިޔާރަތްކުރި ރައްޔިތުންނަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މީދޫގެ ރައްޔިތުން ތުޅާދޫއަށް ކުރި ދަތުރަކީ އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން ދެ ރަށުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަން އާލާކުރުމަށް ކުރި ދަތުރެކެވެ. މި ދަތުރުގައި ރ. މީދޫއިން 315 މީހުން ވަނީ ތުޅާދޫއަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރޭގައި އުރުމުން ވަރަށް ހަގު ކުޑަކުދިންނާއި އުމުރުން ވަރަށް ދޮށީ މީހުން ހިމެނޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުން ހިމެނެއެވެ.

މީދޫ މީހުންނަށް މަރުހަބާ ކިޔުމާއި އެއްބައިވަންތަކުގެ ދުވަހުގެ ހަރަކާތުގައި ބައިވެރިވަޑައިގަތުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ ތުޅާދޫއަށް ވަޑައިގެންފައެވެ.

މީދޫގެ ރައްޔިތުންނަށް މަރުހަބާކިޔުމަށް ތުޅާދޫ ވަނީ އެކި ކުލައިން ދިދަ ޖަހާ ޒީނަތްތެރިކޮށްފައެވެ. ރަށުގެ އެކި ސަރަހައްދުތަކުގައި ދިދަ ފަތި ދަމާ އެކި ޝުއޫރު ހިމެނޭ ބެނާތައް ވަނީ ދަމާފައެވެ. މި ހުރިހާ ހަރަކާތެއްގައި ތުޅާދޫގެ ކުދި ބޮޑު އެންމެން ދަނީ ޝާމިލްވަމުންނެއެވެ.

ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަކަމުން ތުޅާދޫ ކައުންސިލުން ވިދާޅުވީ ރ. އަތޮޅު މީދޫއާއި ބ. ތުޅާދޫއަކީ ޒަމާނުންސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ރަަށްކަމަށެވެ. އެގޮތުން ދެ ރަށުގެ ގުޅުން އުފެދުނު ތާރީހެއް ބުނަން ނޭގޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ގާތް ގަނޑަކަށް 400 އެއްހާ އަހަރު ދެ ރަށުގެ ގުޅުމަށް ވެދާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކައުންސިލުން ވިދާޅުވީ ކާބަފައިންގެ ޒަމާނުން ވާރުތަވަމުން އައި މި ގުޅުން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ދެ ރަށުގެ ގުޅުމާއި ގުޅޭގޮތުން ދެ ރަށު ރައްޔިތުން ވަނީ އެ މީހުންގެ ޝުއޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ.

" ހަޤީގަތުގައި މީ ވަރަށް ދުވަސްވީ ގުޅުމެއް. މި ގުޅުން މިހެން ދެމި އޮންނާތީ ވަރަށް އުފާވެ. އެތަކެއް ޒަމާނެއްވީ ގުޅުމެއްމީ އެއްވެސް ހީނަރުކަމެއް ނާދޭ" ބައެއް ރައްޔިތުން ފާހަގަ ކުރިއެވެ.

2 ދުވަހުގެ މުއްދަތަކަށް ތުޅާދޫގައި ކުރިއަށްދާ އެއްބައިވަންތަކަމުގެ ދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މިރޭ ހާއްސަ ޖާފަތަކާއި ވަޒީރު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް އޮންނާނެއެވެ. މި ޖަލްސާގައި ދެރަށުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ހާއްސަ ކަންތައްތަކެއ ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މާދަމާ އެއްބައިވަންތަކަމުގެ ދުވަހުގެ ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކުރުމާއި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މުޅި ރާއްޖެގައި ސުކޫތެއް ގެނައުން އޮންނާނެއެވެ.

ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. އެގޮތުން މިއަހަރު ފާހަގަކުރަމުން މިދަނީ 21 ވަނަ އެއްބައިވަންތަކަމުގ ދުވަސްއެވެ.