ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ހޯދި މުހިންމު މޮޅާ އެކު ޓީސީ ސްޕޯޓްސް ކުލަބުން ލީގުގައި ކުރިއަށް މުހިންމު ފިޔަވަޅެއް އަޅައިފިއެވެ. ޓީސީ މެޗުން މޮޅުވީ 3-1 ލަނޑުންނެވެ.
މި ނަތިޖާ އެކު ޓީސީ ވަނީ ކުޅުނު 12 މެޗުން ހޯދި 9 ޕޮއިންޓާ އެކު ލީގުގެ 7 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ކޮޅު ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ފުރަތަމަ ހާފުގެ ޓީސީ ވަނީ އެޓޭކްތަކުގައި ކުރި ހޯދާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ 41 ވަނަ މިނިޓުގައި ޓީސީގެ ގާނާ ފޯވާޑް ބޯއަޑޫ ޕްރިންސް އަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލުމުން ކީޕަރު ދިފާއުކުރުމުން ލިބުނު ބޯޅަ ގޯލަށް ވައްދައިލައިގެންނެވެ. މި ލަނޑަށް ފަހުވެސް ޓީސީގެ ބިދޭސީ މިޑްފީލްޑަރ އިބްރާހިމް ޖިމޯ ފޮނުވާލި ބޯޅައެއް ވަނީ ގޯލާ އަމާޒު ނުވެފައެވެ.
މެޗު 66 ވަނަ މިނިޓުގައި ޓީސީގެ ދެވަނަ ލަނޑު ޕްރިންސް ކާމިޔާބުކޮއްދިނީ ކޯނަރައްގައި އޭރިޔާތެރޭގައި ހުރެފަ ގޯލަށް ބޯޅަ ވައްދައިލައިގެންނެވެ. މި ލަނޑަށް ފަހު ޓީސީގެ އަހުމަދު ރިލުވާން އަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ޓީސީ ތިންވަނަ ލަނޑަކީވެސް ލިބުނު ކޯނަރެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 75 ވަނަ މިނިޓުގައި ޓީސީގެ ސްރީލަންކާ ޑިފެންޑަރ ޗަލަނަ ޗަމީރާ ނަގައިދިން ކޯނަރެއް ގޯލަށް ވައްދާލީ ދެވަނަ ހާފުގައި ކުޅެން ނުކުތް ހުސެއިން ޝަރީފް މުހައްމަދެވެ.
މެޗުގައި ޔޫވީން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑަކީ އޭރިއާ ތެރެއަށް އަނަސް އަދުނާން ނަގައިދިން ބޯޅައެއް ޓީސީގެ ކީޕަރު ޑިނިލް އެމެނުއަލް އަތުން ދޫވުމުން ޔޫވީގެ މިސްރު ފޯވާޑް މުހައްމަދު ސާމިރު ކާމިޔާބުކޮއްދިން ލަނޑެކެވެ. މި ލަނޑު ސާމިރު ޖެހީ މެޗުގެ 87 ވަނަ މިނިޓުގައެވެ.
މި ދެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު 4-1 ކާމިޔާބު ކުރީ ޔޫވީއެވެ. މިއީ ޓީސީން މި ލީގުގައި ހޯދި ދެވަނަ މޮޅެވެ.