ޚަބަރު

ފަރެސްމާތޮޑާ ބިންހިއްކުމާއި ފިޔޯރީ މަގުހެދުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި


  • ފަރެސްމާތޮޑާގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ

  • ފިޔޯރީގެ މަގުހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އާރްޑީސީއާ

ގދ. ފަރެސްމާތޮޑާގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއާއި، ފިޔޯރީގެ މަގުހެދުމުގެ މަޝްރޫއު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.

ފަރެސްމާތޮޑާގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާ ހަވާލުކޮށްފައިވާއިރު، ފިޔޯރީގެ މަގުހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.

ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދުއެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގެ 18 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 142,674,912.00 ރުފިޔާ އަށް 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

1800 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާއަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ. އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މިރަށު ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ލިބޭނޭ ކަމަށާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާއެކު، އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބޭނަކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ފަރެސްމާތޮޑާގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެއަތޮޅު ފިޔޯރީގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް އާރްޑީސީއާ ވަނީ ހަވާލުކޮށްފައެވެ. އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 71,208,238.32 ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

މި ދެ މަޝްރޫއަކީވެސް ގދ. އަތޮޅުގެ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދެ މަޝްރޫއެވެ. މި މަސައްކަތްތައް ނިމުމުން އެ ދެ ރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.