ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރ ބާޒާރުގައި ކުޅުންތެރިން ވިއްކާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު އެތަން ފޫބައްދާނެ ކުޅުންތެރިން ލިބުމުން ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން މިއަދު ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ނިކުންނާނީ އެ ޓީމުގެ މުހިންމު ހަތް ކުޅުންތެރިންނާ ނުލަ އެވެ. އެއީ އަނިޔާގެ އިތުރުން މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ބައެއް ކުޅުންތެރިން ދޫކޮށްފައިވާތީ އެވެ.
ޔުނައިޓެޑް އިން އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ ކޮބީ މައިނޫ އާއި ޖޯޝުއާ ޒިރްކްޒީ ވަނީ އެ ކްލަބު ދޫކޮށް އެހެން ކްލަބްތަކަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ނަޕޮލީ އަށް ދިއުމަށް މައިނޫ ކުރަމުންދާ މަސައްކަތް ކްލަބުން ވަނީ ހުއްޓުވާފަ އެވެ. އަދި ޒިރްކްޒީ އަދިވެސް ދަނީ އެނބުރި އިޓާލިއަން ސެރިއާއަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންނެވެ.
"ކުރިއަށް އޮތް ޖެނުއަރީ މަހު އެއްވެސް ކުޅުންތެރިއަކު ވިއްކާނީ ވަރަށް ބޮޑަށް ބެލުމަށްފަހު އެތަން ފޫބައްދާނެ ކުޅުންތެރިން ލިބުމުން." އަމޮރިމް ބުންޏެވެ.
ކްލަބް މިހާރު އޮތް ގޮތުން ކުޅުންތެރިއަކަށް ކަމެއް ދިމާވެއްޖެނަމަ ބޮޑެތި ދަތި އުނދަގޫ ތަކާއި ކުރިމަތިލާން ޖެހޭނެ. އަހަރުމެން ބޭނުންވަނީ މެޗުތަކުން މޮޅުވެ ރަގަޅު ނަތީޖާތަކެއް ހޯދަން." އަމޮރިމް އިތުރަށް ބުންޏެވެ.
އަމޮރިމް އިތުރަށް ބުނެފައިވަނީ އެ ކްލަބުން މިވަގުތު ދަތިތަކާއި ކުރިމަތިލުމުން ދިޔަ ނަމަވެސް ޕްލޭން އެއް އެބައޮތް ކަމަށާއި އަދި މަސައްކަތް ކުރަމުންދަނީ އެ ޕްލޭނާއި އެއްގޮތަށް ގޮސް ކާމިޔާބީ ހޯދުމަށް ކަމަށެވެ.