ޚަބަރު

ސުނާމީ ކާރިސާ: ފެނުނީ ބަދަހި ގުޅުމާއި އެއްބައިވަންތަކަމުގެ ރޫޙު


  • ދުވަހުގެ ތަޙްނިޔާ ދިވެހި ރައްޔިތުންނަށް ރައީސް މައުމޫން ވަނީ ފޮނުއްވާފައި

  • އެ ދުވަސް ދިޔައީ ދިވެހިންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެއްބައިވަންތަކަމުގެ ރޫޙު ދައްކައިދީފައި

ސުނާމީގެ ބިރުވެރި އަދި ހިތާމެވެރި ކާރިސާއަށްފަހު އެދުވަސް ވެފައިވަނީ ދިވެހިންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެއްބައިވަންތަކަމުގެ ރޫޙު ދައްކާދިން ދުވަހެއްގެ ގޮތުގައިކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދު ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ ސުނާމީ ކާރިސާގެ އެ ހަނދާންތައް އާ ކުރައްވާފައެވެ. އަދި މިއަދު ފާހަގަކުރާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ތަޙްނިޔާ ދިވެހި ރައްޔިތުންނަށް ރައީސް މައުމޫން ވަނީ ފޮނުއްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ބިރުވެރި އަދި ހިތާމަވެރި ކާރިސާއަށްފަހު، އެ ދުވަސް ދިޔައީ ދިވެހިންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެއްބައިވަންތަކަމުގެ ރޫޙު ދައްކައިދީފަކަމަށް ވިދާޅުވެފައެވެ.

ސުނާމީ ކާރިސާ ކުރިމަތިވިއިރު އޭރު ރާއްޖޭގެ ރައީސް އަކަށް ހުންނެވީ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލްޤައްޔޫމްއެވެ. ސުނާމީގައި ޙާލުގައި ޖެހުނު ރައްޔިތުންނަށް އަޅައިލުމާއި އޯގާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭން ދިވެހީން ދައްކައިދިން އެއްބައިވަންތަކަމަކީ ދިވެހި ސަޤާފަތުގެ ވަރަށް ރީތި މިސާލެކެވެ. ކާރިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޙާލުގައިޖެހުނު މީހުންނަށް އެހީ ފޯރުކޮށްދެއްވުމަށް ސަރުކާރުގެ އިދާރާތަކާއި، ސިފައިންނާއި ފުލުހުން ގުޅިވަޑައިގެން މަސައްކަތް ފެއްޓެވިއެވެ.

ޙާލުގައި ޖެހުނު މީހުންނަށް ތަކެތި ފޯރުކޮށްދިނުމަށް ހުޅުވާލެއްވި ފުރުޞަތުގައި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދޭން ފެށިއެވެ. މިއާއެކު އެހީބޭނުންވާ ފަރާތްތަކަށް ބޯފެނާއި ބޭހާއި ކާބޯތަކެއްޗާއި، އަންނައުނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުޑަ ހިނދުކޮށްޅެއްގެތެރޭގައި ފެށިގެންދިޔައެވެ.

ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.