އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް މިސުރުން ނެރޭނީ ބެންޗު ޓީމު ކަމަށް އެ ގައުމުން ބުނެފި އެވެ.
ދެކުނު އެފްރިކާ އަތުން 1-0އިން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން މިސުރުގެ ކޯޗު ހޮސާމް ހަސަން ބުނީ މެޗަށް ނުކުތްއިރު ވެސް މި މެޗު ފަސޭހަ ނުވާނެކަން އެނގުނު ކަމަށެވެ. އަދި މޮޅުވެވުމުން ކުރިއަށް އޮތް މެޗަށް ޓީމުގެ ގިނަ ތަރިން އަރާމު ކުރުވާނެ ކަމަށެވެ.
"މޮރޮކޯ މެޗުން އެ މީހުންނަށް މޮޅު ނުވެވުނީމާ އަހަރުމެންނަށް މި މެޗު ފަސޭހަ ނުވާނެކަން އެނގުނު. އެކަމަކު އަހަރުމެން މި އޮތީ މޮޅުވެފައި. ކުރިއަށް އޮތް މެޗު އޮތީ 48 ގަޑިއިރު ފަހުން. މިހެންވެ އަހަރެން ގަސްތު ކުރަނީ އެ މެޗުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން. މިހާރު ޓީމުގައި ކުޅޭ ކުޅުންތެރިން އެ ތިބީ ވަރުބަލިވެފައި. މިހެންވެ އަހަރެން ރިސްކު ނަގާކަށް ބޭނުމެއްނޫން،" ކޯޗު ބުންޏެވެ.
ކެޕްޓަން މުހައްމަދު ސަލާހް ދެކުނު އެފްރިކާ ކޮޅަށް ޖަހައިދިން ހަމައެކަނި ލަނޑުން މޮޅުވެ މިސުރު މިހާރު ވަނީ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މި މެޗުގެ ހަމައެކަނި ގޯލު އޭނާ ޖެހީ 45 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއާއެކު މިސުރަށް ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓް ލިބިފަ އެވެ. ދެކުނު އެފްރިކާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ޒިމްބާބުވޭ އާއި އެންގޯލާ އަށް ލިބިފައިވަނީ ކޮންމެ ބަޔަކަށް އެއް ޕޮއިންޓެވެ.
މިހެންވެ ގްރޫޕުގެ ފަހު މެޗުގައި އެންގޯލާ އަތުން ބަލިޔަސް މިސުރު ކަޓުވާލާފައި މި ގްރޫޕުން ދެ ޓީމަކަށް ކުރި ނޭރޭނެ އެވެ.