ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެކުވެރިކަމުގެ ކުރިކެޓު މެޗެއް ކުޅެފިއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ކޯޓުގައި ކުރިއަށް ދިޔަ މި މެޗުގައި ވާދަކޮށްފަވަނީ، މޯލްޑިވްސް ބޯޑް އެކްސްއާއި ބަންގްލަދޭޝް އެކްސްޕެޓްރިއޭޓްސް ކުރިކެޓް ޓީމެވެ. އިއްޔެ ކުޅުނު މިމެޗު 8 ވިކެޓުން ކާމިޔާބުކޮށްފައިވަނީ، ރާއްޖޭގެ ޓީމުންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މިމެޗުގައި 46 ރަން ހެދި ރާއްޖޭގެ މުޙަންމަދު ރިޝްވާންއެވެ.
މިމެޗު ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙަންމަދު ޠަލާލްއެވެ. އަދި ރަނަރަޕް ޓީމަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެމްޑީ. ނަޒްމުލް އިސްލާމެވެ. މީގެ އިތުރުން މި ހަރަކާތުގައި ކުރިކެޓް ބޯޑުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.