ޚަބަރު

ކައުންސިލް އިންތިޚާބު: ވޯކް-އިން އިންޓަވިއު މިއަދު


  • މި އިންޓަވިއު ކުރިއަށްދާނީ މިއަދު ހަވީރު 4:00ން ރޭގަނޑު 10:00އަށް

  • އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވޯކް-އިން އިންޓަވިއުތަކެއް ބޭއްވި

އަންނަ އަަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިއަދު ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.

އެ ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މި އިންޓަވިއުތައް ކުރިއަށްދާނީ، މިއަދު ހަވީރު 4:00ން ރޭގަނޑު 10:00 އަށް ކަލާފާނު ސްކޫލުގައެވެ. އެ ކޮމިޝަނުން ވަނީ، އިއްޔެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައިވެސް އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިޔުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާ ހިމެނެއެވެ. މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވޯކް-އިން އިންޓަރވިއުއަށް ހާޒިރުވާއިރު އައިޑީ ކާޑާއި، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް އެ ކޮމިޝަނުން އެދެއެވެ.

ވޯކް-އިން އިންޓަރވިއުގައި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ވަޒީފާއަށް އެދޭ ފޯމް ފުރުމާއި، ރަޖިސްޓްރީ ކޮށްދިނުމާއި، އެޕްލިކޭޝަން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކޮށް، ވަޒީފާއަށް އެދޭ މަޤާމަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް، އަމަލީ ޓެސްޓު ދިނުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށްވުމަށް ބޭނުންވާ ފަރާތްތަކަށް މައި ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރާނެގޮތުގެ މަޢުލޫމާތު ދިނުންވެސް މި ވޯކް-އިން އިންޓަރވިއު ތެރޭގައި ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިއަހަރުގެ އޮގަސްޓު މަހުވެސް ވޯކް-އިން އިންޓަވިއުތަކެއް ބޭއްވިއެވެ. އެ އިންޓަވިއުތަކުގައި 250 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.