ކުޅިވަރު

ލެވޮންޑޯސްކީ ގޯލު ޖެހުން ބާސެލޯނާއިން މަނާކުރީތަ؟


ބާސެލޯނާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އިނީ ބެންޗުގަ އެވެ. މިއާއެކު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އޭނާގެ ބަދަލުގައި ކުޅުވީ ސްޕޭނުގެ ފޯވަޑް ފެރަން ޓޮރޭޒް ލައްވަ އެވެ.

ލެވޮންޑޯސްކީ އަނިޔާގައި ހުރި ދުވަސްވަރުން ފެށިގެން ޓޮރޭޒް ވަނީ ފުރަތަމަ 11އިން ޖާގަ ހައްގުވާ ވަރަށް ކުޅެ ގޯލު ޖަހައިފަ އެވެ. ފަހަރުގައި ކޯޗު ހަންސީ ފްލިކް ޕޮލެންޑްގެ 37 އަހަރުގެ ފޯވަޑް ފުރުސަތު ނުދީ މިހެންވެ ކަމަށްވުން ގާތެވެ.

ނަމަވެސް މިހާރު ތިލަވެގެން އުޅެނީ މުޅިން އެހެން ވާހަކަ އެކެވެ. ބާސެލޯނާއިން ލެވޮންޑޯސްކީ ގާތުގައި ގޯލު ނުޖަހަން ބުނި ވާހަކަ އެވެ. ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލެވޮންޑޯސްކީ އަނިޔާއިން ރަނގަޅުވެގެން އައި ފަހުން ކުޅުނު މެޗުތަކުގައި އޭނާ ބެންޗުގައި އިންނަން ޖެހުނީ ބާސެލޯނާގެ ހުށަހެޅުން ގަބޫލު ނުކުރުމުންނެވެ.

ކުލަބުން އޭނާ ގާތުގައި އެދުނީ ސްޕެނިޝް ލީގުގައި ގޯލު ނުޖެހަން ކަމަށްވެ އެވެ. ސަބަބަކީ މިހާރު ވެސް އޭނާ މި ސީޒަނުގައި 23 ގޯލު ޖަހާފައިވުމެވެ. ޖުމުލަ 25 ގޯލު ޖަހައިފިނަމަ ބަޔާން މިއުނިކަށް ބޯނަސްގެ ގޮތުގައި 2.5 މިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ. ބާސެލޯނާއިން މި ބޯނަސް ބަޔާނަށް ދޭން ބޭނުން ނުވަނީ ކަމަށްވެ އެވެ.
ލެވޮންޑޯސްކީ ވަނީ މީގެ ހަތަރު އަހަރު ކުރިން ބަޔާން ދޫކޮށް ބާސެލޯނާ އަށް ބަދަލުވެ މިހާތަނަށް 165 މެޗުން 109 ގޯލު ޖަހައިފަ އެވެ.

މި ސީޒަނަށް ފަހު ބާސެލޯނާއިން ލެވޮންޑޯސްކީ ދޫކޮށްލާނެ އެވެ. ސަބަބަކީ އޭނާގެ އުމުރުން ދުވަސްވެ ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވުމެވެ. ނަމަވެސް މި ނިންމުން މުޅިން ނިންމާނީ ބާސެލޯނާ އަށް މޮޅު ފޯވަޑަކު ނުހޯދިއްޖެނަމަ އެވެ.