ޚަބަރު

ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ ކަންކަން ޖަނަވަރީ 1އިން ފެށިގެން ތަންފީޒުކުރަނީ


  • ކުރިއަށް އޮތް 2 އަހަރު ކުދި ވިޔަފާރިތައް ކުރިއެރުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ

  • އެސްއެމްއީތަކުން ހުށަހެޅި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާ ކުރެވި ގޮތްތަކެއް ވަނީ ނިންމާފައި

ކުދި ވިޔަފާރިތައް ކުރިއެރުވުމާއި ގުޅޭ ބައެއް ކަންކަން ޖަނަވަރީ 1އިން ފެށިގެން ތަންފީޒުކުރަން ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކޮށްފައިވަނީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މި މަސައްކަތްތައް ހަރުދަނާކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުން ފިލުވުމަށް، މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެވަފައިވާއިރު ވިޔަފާރިތަކުން ވަނީ ރާއްޖޭގެ މާހައުލުގައި ވިޔަފާރި ކުރުމުގައި އިދާރީ ގޮތުން ހުރި ގޮންޖެހުންތަކާއި ވިޔަފާރި ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހިއްސާ ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެވި ގިނަ ނިންމުންތަކެއް ނިންމިފައިވާކަމަށެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރު ގޮތުގައި ކަނޑައަޅާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފިޔަވަޅުތައް ޖަނަވަރީ 1އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. އަދި މިފިޔަވަޅުތަކުގެ ތަފްސީލް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިތަކުން ހުށަހެޅި ބައެއް ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގައި ހައްލު ހޯއްދަވައި ދެއްވަން ނިންމާފައެވެ. އެގޮތުން ގެންނަން ނިންމި އެއް ބަދަލަކީ، ރާއްޖެ އެތެރެ ކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ކުރުމަށް ނިންމި ނިންމުމެވެ. އަދި މުދާ ކްލިއަރ ކުރުމުގެ މަސައްކަތް 24 ގަޑިއިރު ދޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް އެމަނިކުފާނު ނިންމެވިއެވެ. މި ނިންމުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ކަމާއި ގުޅުން ހުރި އިދާރާތަކުން މިހާރު ވަނީ ތަންފީޒު ކުރަން މިހާރު ވަނީ ތަންފީޒު ކުރަން ފަށާފައެވެ.

ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނީ ގޮތުން ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ޓްރޭޑްމާކާއި ގުޅޭ ޤާނޫނާއި ފިކުރީ މުދާ ހިމާޔަތް ކުރުމާއި ގުޅޭ ޤާނޫނެއް ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮންތެޓިކް މޯލްޑިވްސް މެދުވެރިކޮށް އަލިބާބާގައި ތަކެތި ވިއްކުމުގެ ފުރުސަތު މިހާރު ވަނީ ފަހިކޮށްދީފައެވެ. މިކަމުގެ ސަބަބުން މިހާރުވެސް އޮންތެޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ 400 އެއްހައި ވިޔަފާރިއަށް އެ ފުރުސަތު ފަހިވެފައިވާ ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ޤައުމީ އުފެއްދުންތެރިކަމުގެ މަޢުރަޒު މިއަހަރު ވަނީ ބާއްވާފައެވެ. މި މަޢުރަޒުގެ ތެރެއިން އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެން މީހުން އައިސްފައިވެއެވެ. ބޭރު ޤައުމުތަކުގައި މިފަދަ ވިޔަފާރިތަކަށް މާކެޓް ހޯދައިދީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމް ކުރުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ވިޔަފާރިތަކަށް ބޭރުން އާމްދަނީ ލިބޭނެ ގޮތްތައްވެސް ސަރުކާރުން ދަނީ ހޯދައިދެމުންނެވެ