ޚަބަރު

ހުޅުމާލެ ފޭސް 3 ހިއްކުން އަންނަ މަހުގެ 20 އަށް ނިންމަނީ


  • ގޯތި ލިބިފައިވާ ފަރާތްތަކަށް އަންނަ މަހު ރަޖިސްޓްރީ ހަވާލުކުރަން ފަށާނެ

  • އިންކަނޑައަޅައި ގޯތި ދިނުމުގެ މަސައްކަތްވެސް އަވަހަށް ފެށޭނެ

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ 20 ގައި ނިންމާލެވޭނެ ކަމަށް ޢިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބޯހިޔާވަހިކަން ޕްލޭން ކުރެވެނީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަން ޤާއިމްކޮށްދިނުމުގެ މައްޗަށް ކަމަށެވެ. އެއްކޮޓަރިން 2 ކޮޓަރިއަށް އަދަދު އިތުރު ކުރުމުގެ ބަދަލުގައި 3 ކޮޓަރިއަށް ސަރުކާރުން އިސްކަންދެނީ އާއިލާތަކަށް ހަމަޖެހިލައިގެން އުޅޭނެ މަގުތަނަވަސް ކަމެއް ދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އިއުލާން ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބިނާކުރާނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހިއްކަން ޖެހޭ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށާއި، މިހާރު ތާވަލްކުރެވިފައިވާ ގޮތުން އަންނަ މަހުގެ 20 އަށް ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން 20 ޖަނަވަރީ 2026އަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ. ދެން ރަޖިސްޓްރީ ހެދުމުގެ މަސައްކަތް މި ޖަނަވަރީ މަހު ފެށިގެން ކުރިއަށް ގެންދާނަން. އަދި އިން ކަނޑައެޅޭ މިންވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނަން" ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަލުން ބާރުސްޕީޑުގައި މަސައްކަތް ވަނީ ފަށާފައެވެ.

މި މަސައްކަތް އަވަސް ކުރުމަށްޓަކައި ސަރުކާރުން ވަނީ، އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުން ކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ، ނޮވެމްބަރު 28 ގައެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ބިންވެރިޔާ ސްކީމުގެ ދަށުން އެ ސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ގުރުއަތުލުމުގެ މަސައްކަތް ސަރުކާރުން ވަނީ، ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 7 ސައިޒެއްގެ ޖުމްލަ 698 ގޯތީގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ.