މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެމްއެމްއޭ ކުރިމައްޗަށް ވަނީ ބަދަލުކޮށްފައެވެ.
މަގު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށެވެ.
މާލެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެމްއެމްއޭ ކުރިމައްޗަށް ބަދަލުކޮށްފައިވާއިރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވަނީ އުޅަނދުތައް އެޅުމަށްޓަކައި އެމްއެމްއޭ ކުރިމަތިން ޚާއްސަ ސަރަހައްދެއް ކަނޑައަޅާފައެވެ.
އެ ކުންފުނިން ވިދާޅުވީ، މި ސަރަހައްދުގައި އުޅަނދުފަހަރު އަޅާފައި ބޭއްވޭނެ ސަރަހައްދުތަކުގައި ފާހަގަ ޖަހާފައިވާ ކަމަށެވެ.
މަގުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެމްއެމްއޭ ކުރިމައްޗަށް ބަދަލު ކުރުމާއެކު، އިންތިޒާމްތައް ރާވާފައިވާ ގޮތްތައް ޕީއެސްއެމްއާ ހިއްސާކުރައްވަމުން، މާލެ ނޯތު ހާބަރު އޮޕަރޭޝަންސް ޔުނިޓުގެ ހެޑް ޖިޔާމް ސަޢީދު ވިދާޅުވީ، އުޅަނދަކަށް އެއް ނަންބަރު ޖެޓީގެ ތޮއްޓާއި ކައިރިކޮށްފަ އޮވެވޭނީ ގިނަވެެގެން 10 ދުވަހަށް ކަމަށެވެ. އަދި އެއަށްފަހު އުޅަނދު ދުރު ކުރުމަށްފަހު އަނެއްކާވެސް ކައިރި ކުރެވޭނީ ކިއުގައި ޖެހިގެން ކަމަށެވެ.
" އޭ ޒޯނުގައި އޭރު އެތަން ބޭނުން ކުރަމުން ގެންދިޔަ މުދަލާއި ފަސިންޖަރުން އުފުލާ އުޅުނު އުޅަނދުތައް އަޅުގަނޑުމެން އެއް ނަންބަރު ޖެޓީއަށް މި ބަދަލުކުރީ، 9 ވަރަކަށް އުަޅަނދު ވާނެ ބަދަލުކޮށްފައި. އޭރު އަޅުގަނޑުމެން ނަގަމުން ދިޔަ 50 ލާރި މި ކޮޅަށް ބަދަލުވުމުން މިވަނީ، ހިލޭ ޚިދުމަތް ދޭ ގޮތަށް ބަދަލުކޮށްފައި. އެއް ނަންބަރު ޖެޓީގައި ތޮއްޓާއި ގާތްކޮށްފަ އޮވެވޭނީ، 10 ދުވަސް ވަންދެން އެންމެ ގިނަވެގެން. އެއަށްފަހު ދުރު ކުރުމަށްފަހު ކިއުގައި ނޯޓު ކުރުމަށްފަހު ކިއުގަ ޖެހުނީމަ އަނެއްކާވެސް ކީވޯލްއާ ކައިރި ކުރެވޭނީ". ޖިޔާމް ސަޢީދު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ، ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރައްވާ އެމްޓީސީސީން ވިދާޅުވީ، މި ސަރަހައްދުން 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުންވެސް މަގުގެ އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ، މަގު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމެވެ.
މަގު ތަރައްޤީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދު ބޭނުން ކުރާ ވިޔަފާރިވެރިންނާއި، މަސްވެރިންނާއި އަދި އާންމު ރައްޔިތުންގެ ފަރާތުންވެސް އެއްބާރުލުން ދެއްވުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.