ޚަބަރު

ކ.ހުރާ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި


  • 16 އެނދުގެ ޖާގައާއެކު ތަރައްޤީކުރާ އިމާރާތެއް

  • މިއީ 2 ފަންގިފިލާގެ އިމާރާތެއް

ކ. ހުރާގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ.

ހުރާގައި ތަރައްޤީކުރާ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަޝްރޫޢުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ އިމާރާތަކީ 16 އެނދުގެ ޖާގައާއެކު ތަރައްޤީ ކުރާ އިމާރާތެކެވެ. 2 ފަންގިފިލާއަށް ތަރައްޤީ ކުރާ މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވިއެވެ. މީގެ އިތުރުނ،ް ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއި ކޮންކްރީޓް މަސައްކަތާއި މޭސަނަރީ މަސައްކަތާއި ޓައިލްސް ޖެހުމުގެ މަސައްކަތް ހިމެނޭހެން އިމާރާތް ފުރިހަމަކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެމްޓީސީސީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27.23 މިލިޔަން ރުފިޔާއަށް 360 ދުވަހުން ނިންމާގޮތަށެވެ.

ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހުރާ ދާއިރާގެމަޖްލިސް މެންބަރު އަނާރާ ނަޢީމާއި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އާއި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

1380 މީހުންގެ އާބާދީއެއް އޮންނަ ހުރާގައި ތަރައްޤީ ކުރާ ޞިއްހީ މަރުކަޒުގެ އައު އިމާރާތް ނިމުމާއެކ،ު ހުރާއިން ލިބޭ ޞިއްހީ ފަރުވާ ފުޅާވެ ހުރާ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން އާންމު ގޮތެއްގައި ބޭނުންވަ ސިއްޙީޚިދުމަތް ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ ސިއްޙީ ނަޒާމްގެ ތެރެއިން ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމެވެ. މިހާރު ހުރި ސިއްޙީ މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ ގޮތުން އައު އިމާރާތްތައް އެކި ރަށްރަށުގައި ތަރައްޤީކުރުމަށް އެކި ކުންފުނިތަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރެއިން ބައެއް ތަންތަން 2 ފަންގިފިލާއަށް ތަރައްޤީކުރާއިރު އެނދުގެ އަދަދު އިތުރުކުރުމާއި ކުރިން ނުލިބޭ ޚިދުމަތްތައް ފޯރުކޯށްދިނުމަށް އަމާޒު ހިފާފައިވެއެވެ.