ތައިލެންޑުގައި ބާއްވާ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ފުޓްސަލް ޗެމްޕިއަންޝިޕް 2026 އަށް ތައްޔާރުވުމަށް ޤައުމީ ފިރިހެން ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފިއެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ކުރިން ޗައިނާގައި ކޭމްޕުކުރުމަށް މިއަދު ހެނދުނު ޤައުމީ ފުޓްސަލް ޓީމު ފުރިއިރު، ކޭމްޕުގައި ބައިވެރިވާނީ 17 ކުޅުންތެރިންނެވެ.
ޗައިނާއަށް ޤައުމީ ފުޓްސަލް ޓީމު ފުރުމުގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ މިއަދު ހެނދުނު ޓީމާ ބައްދަލުކުރައްވައި، ހިތްވަރުދެއްވާފައެވެ. އަދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރުގެ އިތުރުން އެ އިދާރާގެ ބައެއް އިސް ބޭފުޅުން ވަނީ މާފަންނު ބަސް ޓާމިނަލަށް ވަޑައިގެން، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ.
އެފްއޭއެމްއިން ބުނީ ޗައިނާގައި އިންޑޯއަށް ފަރިތަވުމަށް ކުޅުންތެރިން ހަދާ ތަމްރީނުތަކަށްފަހު 14 އަށް ސްކޮޑު ކުޑަކުރާނެ ކަމަށާއި، އެ ކުޅުންތެރިން ޗައިނާއިން މާލެ ނައިސް ސީދާ ދަތުރުކުރާނީ ތައިލެންޑަށް ކަމަށެވެ.
އަންނަ ޖެނުއަރީ މަހުގެ 14-26 އަށް ތައިލެންޑުގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުކުރުމަށް ހެޑް ކޯޗަކަށް އެފްއޭއެމްއިން ހަމަޖައްސާފައިވަނީ އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވްއެވެ.
އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނިކުންނާނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހެވެ. ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ ޖެނުއަރީ މަހުގެ 16 ގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ. އަދި 22 ވަނަ ދުވަހު ނޭޕާލްއާ ދެކޮޅަށް ކުޅެން ޖެހޭއިރު، 24 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ފަހު މެޗުގައި ޖެނުއަރީ މަހުގެ 26 ގައި ނުކުންނާނީ އަވައްޓެރި ސްރީ ލަންކާއާ ދެކޮޅަށެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައެވެ. އެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް މި ފަހަރު ރާއްޖޭން ރަނގަޅު ހިސާބަކަށް ދާނެކަމުގެ އުއްމީދު އެބައޮތް ކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.