ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަމާޒަކީ ގްރާސްރޫޓުން ކުޅުންތެރިން އުފައްދާ ހުއްޓުމެއްނެތި ޖޫނިއާ ޓީމުން ސީނިއާ ޓީމަށް ކުޅުންތެރިން ގެނައުންކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ އަންނަ އަހަރަށް އެއެސޯސިއޭޝަނުން ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރެއިން އެއް އަމާޒަކީ ގްރާސްރޫޓުން ކުޅުންތެރިން އުފައްދާ އެކުދިން ޖޫނިއާ ޓީމަށް ގެނައުންކަމަށެވެ. އެއަމާޒަށް ވާސިލްވެވިއްޖެނަމަ ޖޫނިއާ ޓީމުން ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ސީނިއާ ޓީމަށް ހުއްޓުމެއްނެތި އަންނަމުންދާނެކަމަށް ޒަރީރުވަނީ ފާހަގަކުރައްވާފައެވެ.
އަންނަ އަހަރު ރާއްޖޭގައި މުޅިން އަލަށް ބާއްވާ 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕު ފެބްރުއަރީ 6 ވަނަ ދުވަހަށް ތާވަލުކޮށްފަވާއިރު އެމުބާރާތަށް އިޝާރާތްކުރައްވާ ޒަރީރު ވިދާޅުވީ އެފަދަ މުބާރާތްތަކުގެ ބޭނުމަކީ ހުނަރުވެރި ޖޫނިއާ ކުޅުންތެރިން ފާހަގަކޮށް އެކުދިން ތަރައްޤީކުރުންކަމަށެވެ. އުންމީދަކީ މިކުދިން މުސްތަގުބަލުގައި ސީނިއާ ގައުމީ ޓީމުން ފެނުންކަމަށް ޒަރީރު ވިދާޅުވެފަވެއެވެ.
"އަންޑަރ 14 ގައި މިކުޅޭ ކުޅުންތެރިންނަކީ ހަގީގަތުގައި އަޅުގަނޑުމެން އެމުބާރާތް ނިމޭ ހިސާބުން ދޫކޮށްލާނެ ކުޅުންތެރިންނެއް ނޫން. އޭގެ ތެރެއިން ފުރޭނިގެން އަންނަ ކުޅުންތެރިން ދެމެހެއްޓެނިވިގޮތެއްގައި އެކުދިން ޓްރޭންކުރުމުގެ ކަންކަން އެފްއޭއެމްއިން ކުރިއަށްދާނެ" ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ 14 އަހަރުންދަށުގެ މުބާރާތުން ފާހަގަކުރެވޭ ކުޅުންތެރިން 14 އަހަރުންދަށުގެ ގައުމީ ޓީމުގެ ގޮތުގައި ގެންގުޅުމަށްފަހު 16 އަހަރުންދަށުގެ ގައުމީ ޓީމަށް ޕްރޮމޯޓްކުރާނެކަމަށެވެ. އެޔަށްފަހު މިކުދިން 19 އަހަރުންދަށުގެ ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާނެކަމަށާއި މިކުދިންވެގެންދާނީ މުސްތަގުބަލުގައި ގައުމީ ޓީމުން ވިދާލާނެ ކުޅުންތެރިންނަށްކަމަށް ޒަރީރު ވިދާޅުވެފަވެއެވެ.
"އެކުޅުންތެރިން ދާނީ އަންޑަރ 14 އިން އަންޑަރ 16 އަށް. އަމާޒަކީ އޭގެ ތެރެއިން އެކުދިންނަށް އަންޑަރ 19 އިން އައިސްފަ އޭގެ ތެރެއިން އަޅުގަނޑުމެންނަށް ކޮންޓިނިއަސްލީ ސީނިއާ ޓީމަށް ކުޅުންތެރިން އަންނާނެ ނިޒާމަކަށް އެމުބާރާތް ބައްޓަންކުރުން" ޒަރީރު ވިދާޅުވިއެވެ.
މުޅިން އަލަށް 14 އަހަރުންދަށުގެ ޗެމްޕިއަންޝިޕު ފެށުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތްތަނުގައި 12 އަހަރުންދަށާއި، 16 އަހަރުންދަށުގެ އިތުރުން 19 އަހަރުންދަށުގެ މުބާރާތްވެސް ކުރިއަށްގެންދާނެކަމަށް ޒަރީރުވަނީ މައުލޫމާތުދެއްވާފައެވެ. ޒަރީރު ވިދާޅުވީ ދިގު މުއްދަތެއްގެ މަޑުޖެހުމަކަށްފަހު އެފްއޭއެމްއިން ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަމަށް ގަބޫލުކުރައްވާކަމަށެވެ. އެގޮތުން ފާއިތުވެ ދިޔަ ހަވަރަކަށް މަސްދުވަހުގެ ތެރޭގައި ރަސްމީއެއް ސިފައެއްގައި 130 އަށްވުރެ ގިނަ މެޗު ކުޅެވިފަވާކަމަށާއި އޭގެ ތެރޭގައި ދިވެހި ލީގުގެ 55 މެޗާއި، އަންހެން ލީގުގެ 15 މެޗުގެ އިތުރުން އަތޮޅު މުބާރާތުގައި ކުޅެވުނު 50 ހަކަށް މެޗު ހިމެނޭކަމަށް ޒަރީރު ފާހަގަކުރެއްވިއެވެ.