ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަޔަށް ތިބެގެން ކުޅެފިނަމަ ފެންނާނީ ތަފާތު މެންޗެސްޓާ ޔުނައިޓެޑެއް ކަމަށާއި ޓީމު ބަލިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ރެލިގޭޝަން ޒޯނުގައި އޮތް ވުލްވްސް އަތުން މޮޅުނުވި މެޗަށް ފަހު އެވެ. އެއްވަރުވި މި މެޗުގައި ޔުނައިޓެޑަށް އެކަށީގެންވާ ގޮތަކަށް އެޓޭކެއް ނުކުރެވުނެވެ. އަދި ޓީމުގެ ކުޅުން ފޫހިކަމުން ސަޕޯޓަރުން ވަނީ އެޓޭކް ކުރަން އެދި އަޑުގަދަކޮށްފަ އެވެ. އަދި މެޗަށް ފަހު ބައެއް ސަޕޯޓަރުން ވަނީ ޓީމު ދަށްކުޅުމަށް މަލާމާތްކޮށްފަ އެވެ.
މިކަމާ މެދު ވާހަކަ ދައްކަމުން މެޗަށް ފަހު ކޯޗު އަމޮރިމް ބުނީ މެޗު އެއްވަރު ވުމުން ދެއްކޭނެ ބަހަނާއެއް ނެތް ކަމަށެވެ. އެކަމަކު އޭނާ އަށް އޮޔް ޔަގީން ކަމަކީ މި މެޗުގައި ނުކުޅެވުނު އެތައް ކުޅުންތެރިންނެއް ތިބެގެން ކުޅެފިނަމަ ނަތީޖާ ތަފާތުވާނެ ކަމެވެ.
"އަހަރުމެންގެ ވަރަށް ގިނަ ކުޅުންތެރިން އެބަތިބި އަނިޔާގައި. އަދި ބައެއް ކުޅުންތެރިންވީ އެފްރިކާ ކަޕަށް ގޮސްފައި. މެޗަކުން މޮޅުނުވެވުނީމަ މިއީ ބަހަނާއެއް ނޫން. އެކަމަކު އަހަރެންނަށް އޮތް ޔަގީން ކަމަކީ މި މެޗުގައި ނެތް ކުޅުންތެރިންނާއެކު ހުރިހާ ކުޅުންތެރިން ހަމަޔަކަށް ތިބެގެން ކުޅެފިނަމަ ވަރުގަދަ ޓީމެއް ފެނިގެންދާނެކަން. އައު އަހަރަށް އަހަރެންގެ ޔަގީންކަން ބޮޑު. ޓީމު ވަރުގަދަވާނެ،" އަމޮރިމް ބުންޏެވެ.
މި ނަތީޖާގެ ސަބަބުން ޔުނައިޓެޑް ވަނީ 19 މެޗުން 30 ޕޮއިންޓާއެކު ހަ ވަނާގަ އެވެ. މިއީ އެއްވަނާގައިވާ އާސެނަލް އަށް ވުރެ 15 ޕޮއިންޓް މަދު އަދަދެކެވެ. ވުލްވުސް އޮތީ 19 މެޗުން އެންމެ ތިން ޕޮއިންޓާއެކު ޓޭބަލުގެ ފުލުގަ އެވެ.